ސެނެގާލްގައި ބޭއްވި އޯ.އައި.ސީ. ބައްދަލުވުން | ފޮޓޯ: ޚާރިޖީ ވުޒާރާ
ސެނެގާލްގައި ބޭއްވި އޯ.އައި.ސީ. ބައްދަލުވުން | ފޮޓޯ: ޚާރިޖީ ވުޒާރާ
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ބައްދަލުވުމުގައި، ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ނިޒާމީ ގޮތެއްގައި ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ ރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލެއްވީ، ސެނެގާލްގައި ބޭއްވި އޯއައިސީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިއްވި ތަޤުރީރުގައި ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ތަޤުރީރު އިއްވައިދެއްވީ ދިވެހިރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރެވެ.

އ.ދ. ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީ.އައި.އާރް.ޕީ.ޕީ.) އަދި އޯ.އައި.ސީ. އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގެ މަޤުސަދަކީ ވެސް ފަލަސްޠީނުގައި ހިންގަމުން އަންނަ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމެވެ. އެގޮތުން މި ބައްދަލުވުމުގެ ޝިއާރަކަށް ކަނޑައަޅާފައި ވަނީ "ޕަލަސްޓީނިއަން އޮޕްރެޝަން އެންޑް ޑިސްޕްލޭސްމަންޓް އިން ޖެރޫސަލަމް އިން ދަ ޝެޑޯ އޮފް ދަ ވޯ: އަ މައިކްރޮކޯސޮމް އޮފް ދަ ސިޓުއޭޝަން ތުރޫއައުޓް ދަ އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީސް"އެވެ.

މި ބައްދަލުވުމުގައި ސަރީރު ދެއްވި ތަޤުރީރުގައި، އިރުމަތީ ޤުދުސް އާއި ހުޅަނގު އައްސޭރި އަދި ޣައްޒާގައި މެދުކެނޑުމެއްނެތި ހިންގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ހަމައެއާއެކު ޔަހޫދީންގެ ސިޔާސަތުތަކަކީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުން ކޮށްގެން ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމާއި، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި، އަދި އެމީހުންގެ އިންސާނީ ހައްޤުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއް ކަމަށް ސަފީރު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ސަރީރުގެ ވިދާޅުވީ، މިހާރުން މިހާރަށް ދާއިމީކޮށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، ފަލަސްޠީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ޙައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމަށެވެ. މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ވަނީ ގޮވާލައްވާފައެވެ.

1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ ޤަރާރަކުން އުފައްދާފައިވާ ސީ.އައި.އާރް.ޕީ.ޕީ. ގެ މަޤްސަދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ލިބިދިނުމަށްޓަކައި ތަންފީޛުކުރާނެ ޕްރޮގްރާމެއް އެކުލަވާލުމެވެ. މި ކޮމިޓީގެ ހުށަހެޅުންތައް ކޮންމެ އަހަރަކު އދ.ގެ ޢާއްމު މަޖިލީހަށް ހުށައަޅަމުން ގެންދެއެވެ. އަދި ޢާއްމު މަޖިލީހުން ވަނީ އޭގެތެރެއިން ބައެއް ހުށައެޅުންތައް ފާސްކޮށްފައެވެ.

ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯ.އައި.ސީ.ގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމުޢިއްޔާގެ މެމްބަރު ޤައުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް