ރައީސް ޑރ.މުޙައްމަދު މުޢިއްޒު
ރައީސް ޑރ.މުޙައްމަދު މުޢިއްޒު
ރާއްޖޭގައި ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދަރިމައިވުމުގެ ސިއްހީ ޚިދުމަތް ލިބުން އިތުރުކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރާއިރު އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އެންމެންގެ ދުޅަހެޔޮކަން ކުރިއެރުވުމުގެ މުހިންމުކަމާމެދު ވިސްނާލުން މުހިންމު ކަމަށެވެ. އެގޮތުން، 2062 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބަޔަކީ 65 އަހަރުން މަތީގެ މީހުންކަމުގައި ވާނެކަމަށް ބެލެވޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ޒުވާން ޖީލު ތައްޔާރަށް ތިބި މުސްތަގުބަލެއް ގާއިމުކުރުމަށް ކަމަށެވެ.

އެހެންވެ، ދަރިމައިވުމުގެ ސިއްހީ ޚިދުމަތް ލިބުން އިތުރުކުރުމާއި، ތައުލީމުގެ ފެންވަރު މަތިކުރުމާއި، އެކަށީގެންވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި، ކޮންމެ ދިވެހި ރައްޔިތެއްގެ އާންމު އިޖުތިމާއީ އަދި އިގުތިސާދީ ދުޅަހެޔޮކަން ހިމާޔަތްކުރުމަށް ކުރާ އިންވެސްޓްމަންޓްތައް ދަމަހައްޓާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށްވެފައިވާކަން ދިރާސާތަކުން ވަނީ ހާމަވެފައެވެ. ދަރިން ހޯދާ މިންވަރު މަދުވާ ސަބަބު ދެނެގަންނަން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި، ޔޫއެންއެފްޕީއޭ ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާއަކުން ހާމަވެފައިވާގޮތުގައި ދަރިން ގިނައިން ހޯދަން ބާރު އެޅޭނެ އެއްގޮތަކީ، ގިނަ ދަރިން ތިބޭ މީހުންނަށް ދައުލަތުން ފައިސާގެ އެހީ ދިނުމެވެ. ރާއްޖޭގައި ދަރިން ހޯދުން މަދުވާ އެންމެ މައިގަނޑު ދެ ސަބަބަކީ މާލީ ދަތިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް ދިރާސާގައި ފާހަގަކޮށްފަައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު