އާންމުންނަށް ނުރައްކާވެދާނެ ހާލަތެއްގައި ހުރި ޑްރަގް އައްޑާއަކަށް ވެފައިވާ، މާފަންނު އޯކިޑް ޕްލާޒާއާއެކު އިތުރު ދެ އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ތަޅާލުމުގެ މަސައްކަތް ފަށާފައިވަނީ އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ އެވެ. އެ އިމާރަތްތައް ތަޅާލަނީ އާންމުންނަށް ނުރައްކާވެދާނެ ހާލަތެއްގައި ހުރުމުން ކަމަށް މިނިސްޓްރީ އިން ބުނެއެވެ. އެ އިމާރަތްތައް ތަޅާލުމުގެ މަސައްކަތް ކުރިއަށްދިޔަ ވަގުތު ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެސަރަހައްދަށް ވަޑަައިގެން މަސައްކަތް ކުރިއަށްދިޔަ ގޮތް ވަނީ ބައްލަވާލައްވާފައެވެ. މިނިސްޓަރު އާދަމް ޝަރީފް ވަނީ އެމަސައްކަތް ކުރާއިރު އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މަޢާފަށް އެދިވަޑައިގެންފައެވެ.

ތިން ފަންގިފިލާގެ މައްޗަށް ހިމެނޭ އޯކިޑް ޕްލާޒާއަކީ ކުރީގެ މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑްގެ އިމާރާތެކެވެ. ދިގު މުއްދަތަކަށް ބޭނުންނުކުރެވި ހުރުމުގެ ސަބަބުން އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ އެ އިމާރާތް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ މަރުކަޒަކަށް ވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޯކިޑް ޕްލާޒާއާއި ހައުސިންގ ޕްލާޒާއަކީ މީގެ ކުރިން އަލިފާނުގެ ހާދިސާތައް ވެސް ހިނގާފައިވާ ދެ އިމާރާތެވެ.



ކިޔުންތެރިންގެ ހިޔާލު