މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޝަމްހީދު
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޝަމްހީދު
ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި އޭގެ ތަކުލީފުތައް ވިޔަފާރިވެރިންނަށް ކުރިމަތުވަމުންދާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރު އަހުމަދު މުނައްވަރު ހަނު ހުންނަވާތީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ކޮޕީ ރައިޓްސްގެ ބިލާ ގުޅޭ ބަހުސްގައި ވާހަކަ ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ ގައުމުގައި ވަރަށް ބޮޑެތި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އޭގެ ތެރޭގައި ޑޮލަރުގެ އަގު އުފުލުމާއި، ވިޔަފާރިވެރިން ސަރުކާރަށް ކޮށްދޭ މަސައްކަތްތައް ނުވަތަ ހިދުމަތްތަކުގެ ފައިސާ ނުލިބޭ މައްސަަލައާއި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ވުން ފަދަ މުހިންމު މައްސަލަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ މައްސަލަތައް ހުރިއިރު، މި ފަދަ ޤާނޫނުތަކަކީ މިއަދު ގައުމަށް އެންމެ މުހިންމު ގާނޫނުތަކެއްތޯ ވިދާޅުވެ ޝަމްހީދު ވަނީ ސުވާލު އުފައްދަވާފައެވެ.

ޝަމްހީދު ވިދާޅުވީ ގައުމުގައި މިހާރު ދިމާވެގެން އުޅޭ މުހިންމު އެއްވެސް މައްސަލައެއްގައި ސަރުކާރުން އަދި މިހާތަނަށް ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. އަދި އެއިން އެއްވެސް މައްސަލައަކާ ގުޅޭގޮތުން ސަރުކާރުން ވާހަކަ ދައްކަން ބޭނުން ނުވާކަމަށްވެސް ވިދާޅުވިއެވެ.

ހާއްސަކޮށް ޑޮލަރުގެ އަގު އުފުލި 20ރ. އަށް އަރައިގެން ގޮސްފައިވާއިރު، މި މައްސަލައިގައި އެމްއެމްއޭގެ ގަވަނަރު ހަނު ހުރުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޝަމްހީދު ވިދާޅުވީ މަނިޓަރީ ސިޔާސަތު ހިންގައި ރެގިއުލޭޓް ކުރުމުގެ އެންމެ އިސް ފަރާތަކީ އެމްއެމްއޭގެ ގަވަރުނަރަށް ވާއިރު، ޑޮލަރުގެ އަގު އުފުލެމުންދާއިރު އެކަން ހައްލު ކުރެވުމަށް ގަވަރުނަރުގެ އިސްނެންގެވުމެއް އަދި ހަރަކާތްތެރިކަމެއް ނުފެންނަ ކަމަށެވެ.

މިހާ ހައްސާސީ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހޭވެސް އަންގާނުލައްވާ އެ ބޭފުޅާ އެބަ އުޅުއްވާ،" ޝަމްހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝަމްހީދު ވިދާޅުވީ ސަރުކާރު މިއަށްވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވެފައިވާ މުހިންމު ކަންކަމުގައި ރައްޔިތުންނަށް މައުލޫމާތުދީ، ރައްޔިތުންގެ ހުރި މައްސަލަތަކަށް ސަރުކާރުން ކޮށްދެވޭނީ ކޮން ކަންތައްތަކެއްކަން ހާމަކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ޝަމްހީދުގެ އިތުރުން އިދިކޮޅުގެ އެހެން މެމްބަރުންވެސް ވަނީ ޑޮލަރުގެ އަގު އުފުލިފައިވާތީއާއި، އެކަމުގައި އެމްއެމްއޭގެ ގަވަނަރު ހަނު ހުއްނާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު