ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން މާދަމާ އެ މަޤާމުން ރިޓަޔާކުރަށްވަން ނިންމަވާފައިވާތީ، ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގުން އެކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދަށް ޙަވާލުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން މިހާރު ނިންމާފައިވަނީ، މާދަމާއިން ފެށިގެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު ޢަބްދުﷲ ޙަމީދަށް ޙަވާލު ކުރުމަށެވެ. ފަނޑިޔާރު ޢަބްދުﷲ ޙަމީދަށް ކޯޓު ހިންގުމުގެ ޒިންމާ ޙަވާލުކުރީ އެ މަޤާމަށް އެހެން ބޭފުޅަކު އައްޔަނު ކުރެވެންދެނެވެ.

ދާދި ފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ހަމީދަކީ 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ ޤާޟީކަން ވެސް އޭނާ ކުރެއްވި އެވެ.

އަދި ހައި ކޯޓުގެ ފަނޑިޔާރުކަމުން 2022 ވަނަ އަހަރު އޭނާ ވަކިކުރެއްވީ 2015 ވަނަ އަހަރު ސަރުކާރުން ފަނޑިޔާރުންނަށް ފްލެޓްތަކެއް ދޭން ނިންމުމުން އޭގެ ތެރެއިން ފްލެޓަކާ އޭނާ ހަވާލުވި ކަމަށް ބުނެއެވެ.

ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު ޙަމީދަށް ޙަވާލުކޮށްފައިވާއިރު، މިއަދަކީ އުއްތަމަ ފަނޑިޔާރުގެ ޙައިސިއްޔަތުން ފަނޑިޔާރު އަޙްމަދު މުއުތަސިމް ވަޒީފާއަށް ނިކުންނަވާނެ އެންމެ ފަހުދުވަހެވެ. ޖޭއެސްސީން ނިންމާފައިވަނީ މިހާރުވެސް ގެޒެޓްކޮށްފައިވާ ފަނޑިޔާރުންގެ ރިޓަޔާމަންޓްގެ ގަވައިދުގެ ދަށުން އެމަނިކުފާނަށް ޝަރަފުވެރިކަމާއެކު ރިޓަޔާވުމުގެ ފުރުސަތު އެރުވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު