އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭއިސް (ޓީއެމްއޭ) އިން ސީޕްލޭން ދަތުރުތައް މެދުކަނޑާލަން އުޅޭ ކަމަށް ބުނާ މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގޯސް ސިޔާސަތުތަކުގެ ނަތީޖާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޓީއެމްއޭގެ ޕައިލެޓުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ކުރިން ޑޮލަރުން ދެމުން އައި މުސާރައިގެ ބައެއް ދެން ދޭނީ ދިވެހި ރުފިޔާއިންނެވެ. އެގޮތުން މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން ދޭން ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު އެއްބައި ކަމަށްވާ ޓީއެމްއޭގެ މުވައްޒަފުން ހަޅުތާލު ކުރަން އުޅޭ ކަމުގެ ޚަބަރު އިއްޔެ ފެންމަތިވެފައިވާއިރު، މިއީ ރައީސް މުއިއްޒުގެ 'ގޯސް ސިޔާސަތުތަކުގެ ސަބަބުން' އިގްތިސާދު އިތުރަށް ހީނަރުވެދާނެ ކަމުގެ އިތުރު މިސާލެއް ކަމަށެވެ.

މިހާރު ވެސް ސަރުކާރަށް ފައިސާ ނުލިބުމާއި، މުހިންމު ސިޔާސަތުތަކާ މެދު ގޮތެއް ނުނިންމި، ރާއްޖެއާމެދު އިންވެސްޓަރުންގެ އިތުބާރު ދަށްވެ، ބާޒާރުގައި ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވުމަކީ ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ނުޖެހުމުގެ ނަތީޖާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިކަންކަމުގެ އުނދަގޫ އުފުލަންޖެހެނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކުންކަން ފާހަގަ ކުރަމުން ފައްޔާޒު ވިދާޅުވީ ވިޔަފާރިތަކަށް މިހާރުވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ.



ފައްޔާޒު ވިދާޅުވީ ކުރީ ސަރުކާރުގައި ގެނައި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނަކީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ސާފު އަދި ދެފުށް ފެންނަ ހައްލުތައް ގެނެވޭނެ ގާނޫނެއް ކަމަށެވެ.

އެހެންކަމުން ޓީއެމްއޭގެ މުވައްޒަފުންނަށް ދިމާވެފައިވާ އެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި މަސައްކަތްތެރިންނާއެކު މަޝްވަރާކުރުމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.

ޓީއެމްއޭގެ ސީޕްލޭން ދަތުރުތައް ހުއްޓާލައިފިނަމަ އޭގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑީއާގައި އަޑު އުފުލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު