މިރޭގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެކްސް
މިރޭގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެކްސް
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް، އެމްޑީޕީގެ ބައެއް މެންބަރުންނާ އެކީ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން އޮތީ އޯޓީީޕީ ރެސްޓޯރެންޓުގައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ސަތޭކައެއްހާ މެންބަރުން ބައިވެރިވެފައިވާއިރު ބައްދަލުވުމުގެ ރިޔާސަތުގައި ތިއްބެވީ ރައީސް ނަޝީދާއި ފައްޔާޒެވެ.

އެމްޑީޕީގެ ބައެއް މެންބަރުން މައުލޫމާތު ދިން ގޮތުގައި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުންނެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމާއި ވެރިއަކު ހޮވަން ބާއްވާ އިންތިހާބުގައި ޕްރިފެރެންޝަލް ސިސްޓަމެއް ގެންގުޅުމާމެދު ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާކަމަށް އޭނާ ބުންޏެވެ.

ނަޝީދާއި ފައްޔާޒު އިސްވެ ހުންނަވައި އެމްޑީޕީ މެންބަރުންތަކަކާ ވަކިން ބައްދަލުވުމެއް ކުރިއަށް ގެންދަވާފައިވާއިރު މި ދެ ބޭފުޅުންނަކީ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންނެވެ.

އޭގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މަޖިލިސް މެންބަރު ޑރ. ޝަމްހީދު ވެސް ވެރިކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން ވަނީ ހާމަކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިފަހުން ރައީސް ޞާލިޙް ވެސް ވަނީ އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުންނާ އެކު ވަކިން ބައްދަލުވުންތަކެއް ބާއްވަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު