ވެލާނާ އިންޓަރނޭޝަނަލް އާޓާމިނަލް ހުޅުވުމަކީ އިޤުތިޞާދީ މިނިވަންކަން އިތުރަށް ވަރުގަދަ ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާއި ގުޅިގެން ސަންގުޓީވީ އިން މިއަދު ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ޓާމިނަލް ހުޅުވުމަކީ ދިވެހިރާއްޖޭގެ އިޤުތިޞާދީ މިނިވަންކަން އިތުރަށް ވަރުގަދަ ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވި އެއް ތަނަކީ މި މަޝްރޫޢު ހިނގަމުންދިޔަ ސަރަހައްދު ކަމަށެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށާއި، އެއިރު އެމަނިކުފާނު މިނިސްޓަރެއްގެ ހައިސިއްޔަތުން މި މަޝްރޫޢުގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދެވި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި، އެއަރޕޯޓް އެޑްވައިޒަރީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތްތައް ކުރިއަށް ދިޔަ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެތަން ނިމިފައި އޮތް ހިސާބު ވަރަށް ރަނގަޅަށް ފެންނަން އޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ މި މަޝްރޫޢު ނިންމުމަށް ކުރީގެ ރައީސް ޔާމީން އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި ކުރެއްވި މަސައްކަތްތަކަށް ވެސް ވަރަށް ބޮޑު ކްރެޑިޓެއް ދެއްވާފައެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތާ ހަވާލުވިއިރު، ޓާމިނަލް އޮޕަރޭޝަނަލް ކުރުމަށް ކުރަންޖެހޭ ގިނަ ކަންކަން ނުފެށި ހުރި ކަމަށާއި، މިސާލަކަށް އެއްވެސް ކަލެކްޝަނެއް ނުނަގާ ހުރި ކަމަށެވެ.

"ވަރަށް ބުރަ މަސައްކަތް ކޮށްގެން، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިންމުމަށްޓަކައި ކުރަންޖެހުނު ބުރަ މަސައްކަތްތަކަށް، ހަޤީޤަތުގައި ވެސް މިވަރަށް މަސައްކަތް ނުކުރެވުނު ނަމަ، ދެހާސް ހަތާވީހުގެ ފަހުކޮޅާ ހަމައަށް ވެސް ނުނިމުނީސް،" ރައީސް ވިދާޅުވިއެވެ.

ރަައީސް އިތުރަށް ވިދާޅުވީ، ޓާމިނަލް އޮޕަރޭޝަނަލް ކުރުމަށްޓަކައި އެއްގޮތަކަށް ވެސް ނުފެށި ހުރި ނުވަތަ ފެށުމަށްޓަކައި މަސައްކަތް ވެސް ކުރެވިފައި ނެތް ކަންކަން ވެސް، މި ސަރުކާރުން ވަރަށް ބުރަ މަސައްކަތުން ނިންމާލެވުނު ކަމަށެވެ. މި މަސައްކަތުގައި އެއަރޕޯޓުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި މައި ދޮރާށި ހުޅުވިގެން ދިއުމާއެކު، އިޤުތިޞާދީ ގޮތުން ރާއްޖެއަށް އިޤުތިޞާދީ މިނިވަންކަން އިތުރަށް ވަރުގަދަ ކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

" މި މައި ދޮރާށި ހުޅުވިގެން ދިޔައިމާ އިޤުތިޞާދީ ގޮތުން އިރާދަކުރެއްވިއްޔާ ރާއްޖެއަށް އިޤުތިޞާދީ މިނިވަންކަން އިތުރަށް ވަރުގަދަ ކުރުމަށް ލިބިގެންދާނަމަ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ" ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް، މިރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދާ މި މަޝްރޫޢަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ މުހިންމު މަޝްރޫޢު ކަމުގައި ފާހަގަކުރެވެއެވެ.

މިއީ މިހާރުގެ ޓާމިނަލަށްވުރެ ގުނަ އެތައް ގުނަ ބޮޑު، އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ޒަމާނީ އަދި ފުޅާ ޓާމިނަލެކެވެ. މި ޓާމިނަލްގައި އެއިރޯ ބްރިޖްތަކާއި، އަމިއްލައަށް ޗެކްއިން ކުރެވޭނެ ނިޒާމާއި، އޮޓޮމެޓިކް ދަބަސް ގެންގުޅޭ ނިޒާމުގެ އިތުރުން، އެންމެ ޒަމާނީ ވިޝުއަލް ޑޮކިންގ ގައިޑެންސް ނިޒާމުތަކުގެ ޚިދުމަތް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު