އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް)
އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް)
އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން އެފްއޭއެމްގެ ރައީސްކަމަށް އަޙްމަދު ޠާރިޤް (ޓޮމް) އިންތިޚާބުކޮށްފިއެވެ.

އެފްއޭއެމްގެ ރައީސަކަށް ޠާރިޤް އިންތިޚާބު ކޮށްފައިވާއިރު، އެ އިންތިޚާބު މިއަދު ކުރިޔަށް ގެންގޮސްފައިވަނީ، ޖޫން 26 ގައި ފާސްކުރި އަސާސީ ގަވާއިދުގެ ދަށުންނެވެ.

އެގޮތުން އެފްއޭއެފްގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އެއްވަނަ ޑިވިޝަނުގެ ކްލަބުތަކުގެ އަދަދު 10 އަށް އަދި ދެ ވަނަ ޑިވިޝަނުގެ ކްލަބުތަކުގެ އަދަދު 13 އަށް އިތުރުކުރަން ވަނީ ނިންމާފައެވެ. އަދި ފައިސާގެ ބޮޑެތި މުއާމަލާތްތަކާއި އިންވެސްޓްމަންޓްތަކާއި އެއްބަސްވުންތައް ހިންގާ ކޮމިޓީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރެވޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މީރުމާ ހޮޓެލްގައި މިއަދު ބޭއްވި އިންތިޚާބުގައި ވާދަކުރަށްވާފައި ވަނީވެސް ޠާރިޤް އެކަންޏެވެ. އެހެންކަމުން ކޮންގްރެސްއިން ނިންމީ، އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން، އަތް ހިއްލައިގެން ވޯޓް ނެގުމަށެވެ. އަދި ކުރިއަށްއޮތް 4 އަހަރަށް އެފްއޭއެމްގެ ރައީސް ކަމަށް ޠާރިޤް އިންތިޚާބު ކުރުމަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ 23 ކުލަބުންވެސް ވަނީ ތާޢީދު ކޮށްފައެވެ.

މިއަދުގެ ކޮންގްރެސްގައި ޠާރިޤް ހުށަހެޅުއްވި އެގްޒެކެޓިވް ކޮމިޓީވެސް ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސް ކޮށްފައެވެ. ޠާރިޤްގެ ކޮމިޓީގައި ތިން ނައިބު ރައީސުން ހިމެނެއެވެ. އެއީ ސީނިއަރ ވައިސް ޕްރެޒިޑެންޓް ނިއުރޭޑިއަންޓްގެ އަލީ އިބްރާހީމާއި، ނިއުރޭޑިއަންޓްގެ މުޖުތަބާ ޖަލީލުގެ އިތުރުން މާޒިޔާގެ ހުސައިން ޝާފިއު (ކޮކީ) އެވެ.

އޭގެއިތުރުން އެގްޒެކެޓިވް ކޮމިޓީގައި ހިމެނެނީ ޓީސީގެ އަހުމަދު އައްބާސް އާއި، ބީޖީގެ އަލީ ރިޒްވާން އާއި، އޮޑި ސްޕޯޓްސް ކުލަބުގެ އަބްދުﷲ ނާސިހާޢި، ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އުމޭރެވެ. އަދި އަންހެން މެންބަރުންގެ ގޮތުގައި ހައްވާ ނަސްރާ ސައީދާއި ހައްވާ ރަޝީދާ ހިމެނެއެވެ.

ޓޮމް ވަނީ 31 މޭ 2016 ގައިވެސް އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންފައެވެ. ނަމަވެސް މަގާމަށް ވަޑައިގެންނެވިތާ ހަމަސް ނުވަނީސް، އެކްސްކޯގައި ހިމެނުނު ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާ ދިނުމާއެކު ޠާރިގަށް އޮތް އަގުލަބިއްޔަތު ގެއްލި މަޤާމު ވަނީ ގެއްލިފައެވެ. އޭގެ ފަހުން 20 ނޮވެމްބަރު 2016ގެ އިންތިހާބު ޠާރިޤަށް ގެއްލުނީ ތިން ވޯޓުގެ ތަފާތުންނެވެ. އެ އިންތިހާބު ޠާރިޤާއި ވާދަކުރައްވައި، ކާމިޔާބު ކުރެއްވީ މިދިޔަ ދެ ދައުރު އެފްއޭއެމް ރައީސަކަށް ހުންނެވި، ބައްސާމް އަދީލް ޖަލީލެވެ.

އެފްއޭއެމްގެ މި އިންތިޚާބު ބާއްވާފައި މިވަނީ، ފީފާއިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑް ކުރުމާ ގުޅިގެން، ވޭތުވެދިޔަ އަހަރު އެފްއޭއެމް ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މި މަހު ހަމަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު