ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލި، ކުރިން ކަނޑައަޅާފައިވާ އަގުތަކަށް ބަދަލުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

މިގޮތަށް ގޮވާލައްވާފައިވަނީ އެ މަނިކުފާނުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އޭރު ފެށި ގެދޮރުވެރިޔާ ސްކީމުން ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުއްޔަށް ކަނޑައެޅީ 7،000ރ. އަދި މެއިންޓެނަންސް ފީއަށް 1،000ރ. ކަމަށެވެ. އޭގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް 5،000ރ. އަދި މެއިންޓެނަންސް ފީއަށް 1،000ރ. ކަމަށެވެ.

މީގެ އިތުރުން ފްލެޓަށް ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނު ހޯދުމުގައި ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ކުލި ދައްކަން ޖެހޭނީ ފްލެޓު ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ފަހުން ކަމާއި ފްލެޓު ލިބޭ މީހުންނަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގަން ކުރީ ސަރުކާރުގައި ނުނިންމާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނީ، އެއާއި ހިލާފަށް މި ސަރުކާރުން ވަނީ ކުއްޔާއި މެއިންޓެނަންސް ފީ ބޮޑުކޮށް ޑިޕޮސިޓު ވެސް ނަގަން ފަށާފައިކަމަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މިހާރު ޖެހެނީ 7،000ރ. އަދި މަރާމާތުކުރުމަށް 1000ރ. ކަމަށާއި އެ ތަންތަނަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދައްކަން ޖެހޭގޮތަށް މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ޞާލިޙްގެ އޮފީހުން ބުނީ ދައުލަތުން ނިންމާފައިވާ އާއްމު ރައްޔިތުންނާ ގުޅުން ހުރި އެފަދަ ނިންމުންތައް ބަދަލުކުރުމަކީ ދައުލަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއްކަމަށެވެ. އެހެންކަމުން ކުރިން އެ ފުލެޓްތަކަށް ކަނޑައަޅާފައިވާ ކުލި ހަމަޖެއްސުމަށް ސަރުކާރަށް ޞާލިޙްގެ އޮފީހުން ވަނީ ގޮވާލައްވާފައެވެ.

މި މައްސަލާގައި ސަރުކާރުން ބުނަމުން ދަނީ، އެގޮތަށް އެކަން ކޮށްފިނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭކަމަށެވެ. އަދި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތައް ހިންގަންޖެހޭނީ ދައުލަތަށް ބުރަނުވާ އަދި ދެމެހެއްޓެނިވި ގޮތަކަށްކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު