ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލާއެކު ރާއްޖޭގެ އިގްތިސޯދު މުޅިން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކަމަށެވެ. ރައީސް ވިދާޅުވިގޮތުގައި އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށް، މިނިވަން ދުވަހާ ދިމާކޮށް ހުޅުވުމަށް ނިންމެވުމުގެ ފަހަތުގައި ވަރަށް ޚާއްޞަ ސަބަބެއް އެބައޮތެވެ. އެއީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށްވެފައި އެއާޕޯޓްގެ އެންމެ މުހިންމު ބިނާއަކީ އަލަށް ހުޅުވުނު އާ ޓާމިނަލް ކަމަށްވާތީ ކަމަށްރައީސް މުޢިއްޒު ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް ވިދާޅުވީ އައު ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާވެ، ކުރިއަރައިގެންދާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ދިވެހިން އެކުވެ މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކޮންމެ ރައްޔިތަކުވެސް އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ އައު ފެށުމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މިއާއެކު ރާއްޖެ އެތައް ހަރުފަތެއް ކުރިއަރައިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމުގެ އުފާފާގަތިކަން ހިތްހަމަޖެހުން ލިބިގެންދާނެ. އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކޮށް، ކުރިއަށް ގެންދިޔުމުގައި ޚާއްޞަކޮށް ޓޫރިޒަމް ދާއިރާ އަދިވެސް ޖުމުލަކޮށް މުޅި އިޤުތިޞާދީ ގޮތުން އަޅުގަނޑުމެންގެ ރާއްޖެ ކުރިއެރުމުގައި އިރާދަކުރެވިއްޔާ މި ވެގެންދާނީ ވަރަށް މުހިންމު މަސައްކަތަކަށް." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން ނިންމުމަށް މަސައްކަތްކުރި އެންމެހައި ފަރާތްތަކަށާއި، ޓަރމިނަލްގެ ތަރައްޤީގައި ބައިވެރިވި ދެ ސަރުކާރުގެ ރައީސުންނަށް ރައީސް ވަނީ ޝުކުރު އަދާކުރަށްވާފައެވެ. އެ ދެ ސަރުކާރަށް ފަހު، އެމަނިކުފާނުގެ ސަރުކާރުން 2023ވަނަ އަހަރު ހަވާލުވި ހިސާބުން އެ މަސައްކަތުގައި ޝާމިލުވި ހުރިހާ އެންމެން ގުޅިގެން އެ މަސައްކަތް ނުކުރިނަމަ އަދި އިތުރު ދޮޅު އަހަރަށް ލަސްވީސް ކަމަށް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަޝްރޫޢު ފެށިގެން ދިޔައީ 2016 ވަނަ އަހަރު، އޭރުގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރީ ސަޢޫދީ ޢަރަބިއްޔާގެ ބިން ލާދިން ގްރޫޕާއެވެ. އޭގެފަހުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޓަރމިނަލްގެ ކުރެހުމަށް ބައެއް ބަދަލުތައް ގެނެސް، މަޝްރޫޢު ކުރިއަށް ގެންދިޔައެވެ. މިހާރުގެ ސަރުކާރުން މި މަޝްރޫޢަށް އިތުރު ފަންޑު ހަމަޖައްސައި، ޓަރމިނަލްގެ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު މިރޭ ޓާމިނަލް ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ބޭއްވުމުގެ އިތުރުން، މާލެ ސަރަޙައްދުގެ 19 ތަނަކުން ހަ މިނެޓުގެ ހަވާ ޝޯއެއް ވަނީ ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު