ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް، މިރޭ ހުޅުވައިފިއެވެ.

މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރަން ފެށި އައު ޓަރމިނަލްގެ މަސައްކަތް ނިންމައި، އައު ޓަރމިނަލް ހުޅުވައިދެއްވުމަށް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިޔައެވެ.

އެއަރޕޯޓް ގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ އައު ޓަރމިނަލް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.

އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.

އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ދައުލަތުގެ ވަޒީރުންނާއި، ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންގެ އިތުރުން ޓަރމިނަލްގެ ތަރައްޤީއަށް އެހީތެރިވެދެއްވި، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑާއި، އަބޫދާބީ ފަންޑާއި، އޯޕެކް ފަންޑުންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު