ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ފެށުނީއްސުރެ ދިވެހިންނަކީ މިނިވަންކަން ދިފާއުކުރަން މަސައްކަތްކުރާ ބައެއް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނަސީރު މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރާއިރު އެއީ ކުރު މުއްދަތަކެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ހަގީގަތުގައި ދިވެހި ދައުލަތަކީ އުފެދުނީއްސުރެ ދައުލަތުގެ މިނިވަންކަން ދިވެހިން ކަށަވަރުކުރަމުން އައި ދުވަސްވީ ޤަދީމީ ދައުލަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެކި ދުވަސްވަރު ދިވެހިންގެ މިނިވަންކަމަށް އަޅުވެތިކަމުގެ ހިޔަނި އެޅުނުކަން ފާހަގަ ކުރަށްވަމުން ވަޒީރު ވިދާޅުވީ، 1887 އިން 1965 ދިވެހިން ތަޖުރިބާކުރި ހާލަތަކީ، އިނގިރޭސީންގެ ހިމާޔަތުގެ އެއްބަސްވުމެއްގެ ދަށުން ތަހައްމަލުކުރި ދުވަސްތަކެއް ކަމަށެވެ. އަދި މިއަދު މި ޒިކްރާ އައުކުރަނީ އެ ހިމާޔަތުން ވީއްލި މިނިވަންވެގަތް ފަޚްރުވެރި ދުވަސް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ދައުލަތް އުފެދުނީންސުރެ، ދިވެހިން އައީ ޤައުމުގެ މިނިވަންކަން ކަށަވަރުކުރަމުން ކަމަށްވެސް ވަޒީރު ވަނީ މިއަދު ވިދާޅުވެފައެވެ.

މިނިވަންކަމަކީ އެތައް ޤުރުބާނީއެއްވެ، ޕްލޭންތަކެއް ކުރެވި އެކަންކަން ތަންފީޒުކުރުމަށް ދުރު ރާސްތާއަށް ވިސްނައިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެން ހޯދޭ އެއްޗެއް ކަމަށާއި، މި މަސައްކަތުގައި ބޭރު ޤައުމުތަކާއެކު ޚާރިޖީ ގުޅުން ވަރުގަދަކުރުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ހޯއްދަވާ ދެއްވުމަށްޓަކައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާޞިރު މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި އެއްބައެއްގެ ގޮތުގައި ދެމިތިބުން މުހިންމުކަންވެސް ވަޒީރު މިއަދު ފާހަގަކުރެއްވިއެވެ. އަދި ޤައުމުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ޤާއިމު ކުރުމަކީ މުހިންމުކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެއިތުރުން ރާއްޖޭގެ ސިޔާދަތާއި މިިނިވަންކަން ދިފާއުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

“އަޅުގަނޑުމެންގެ މިނިވަންކަން ދިފާއުކުރުމުގައި އަބަދުވެސް މި ދެ އަސާސް އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމަކަށް ވާނެ. އެއީ ދިވެހިންނަށް ގައުމެއް ދިފާއުކުރުމުގެ ވިސްނުމާއި، އިލްމާއި، ހުނަރާއި ، ކެތްތެރިކަމާ މިކަންކަން އެނގި ދަސްވެ ލިބިފައި އޮތުމާއި އަދި ގައުމާއި ފަސްގަނޑު ދިފާއުކުރުމަށް އާދެ އެބައެއްގެ ދިފާއުގައި ކުރަންޖެހޭ މަސައްކަތް ކުރަމުން އެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް.” ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

އޭގެއިތުރުން ވަޒީރު މިއަދު ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަން ދެމިއޮންނަ ހަމައެކަނި މަގަކީ އެއްބައިވަންތަކަން ދެމެހެއްޓުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު