ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ހަލާކުވަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ މީޑިޔާގެ ޕްރޮގުރާމަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ފައްޔާޒު ވިދާޅުވީ، ރައީސް މުޢިއްޒުގެ އެކި ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ހަލާކުވަމުންދާ ކަމަށާއި، މި ސިޔާސަތުތަކަކީ އެއްދުވަހު ނިންމާ ނިންމުން އަނެއް ދުވަހު ބަދަލުކޮށް، "ފްލިޕް-ފްލޮޕް" ކުރާ ސިޔާސަތުތަކެއް ކަމަށެވެ. މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް އިންވެސްޓަރުން ވިޔަފާރި އިންވެސްޓް ކުރުން ހުއްޓާލައިފި އެގޭތޯ. މާދަމާ ސަރުކާރު ނެރޭނީ ކޮން ސިޔާސަތެއްކަން ޔަގީންނުވާތީ، ބޮޑު ޚަރަދެއް ކުރާ ތަނަށް ޓަސްލާފައި ބުނެފާނެ ތިއީ މަނާކަމެކޭ، ތި ކަމެއް މިހާރު ނުކުރެވޭނޭ މަނަލޭ، އެހެންވީމަ އެކަހަލަ ތާކުންތާކުޖެހޭ އެއްވެސް ޔަގީންކަމެއް ނެތް އިންވެސްޓަރުންނަށް މިހާރު،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، ސަރުކާރަށް ރައްޔިތުންގެ ޔަޤީންކަމާއި އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި މި އިތުބާރު ގެއްލިފައިވަނީ ހަމައެކަނި ރައްޔިތުންގެ ކިބައިން ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ދުނިޔޭގެ އިތުބާރު ވެސް ގެއްލިއްޖެ، ވިޔަފާރިވެރިންގެ އިތުބާރު މުޅި ދިވެހިރާއްޖެއަށް އިނގޭތޯ ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި މިކަންކަމުގެ ސަބަބުން ގެއްލިއްޖެ. އަޅުގަނޑު ކަންބޮޑުވޭ އިޤްތިޞާދީ އަޅުވެތިކަމަކަށް ދާންޖެހިދާނެ ކަމަށް އަދިވެސް މިއިން ސިޔާސަތެެއް ރަނގަޅު ކުރާކަށް ނޫޅޭ."ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު