ރާއްޖެއާއި ސްރީ ލަންކާ ގުޅިގެން މަސައްކަތް ކުރާނެ ގިނަ ދާއިރާތަކެއް ހޯދިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު އޮތް ޖޮއިންޓް ޕްރެސްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖޮއިންޓް ޕްރެސްގައި ދެއްވި ބަޔާނުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ގާއިމުވެފައިވާ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އަދި ތަޢުލީމު ޙާޞިލުކުރަމުންދާ ޤައުމެއްކަމަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި ސްރީލަންކާގެ މުދައްރިސުން އަދާކުރަމުންދާ މުހިންމު ދައުރުވެސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސްރީލަންކާގެ ރައީސާއެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ޤައުމުގެ މެދުގައި ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވުނު ކަމަށެވެ. އެގޮތުން މި ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނުކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު ވިޔަފާރިއާއި ދިފާޢީ ދާއިރާއާއި ތަޢުލީމާއި ވޮކޭޝަނަލް ޓްރެއިނިންއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ތިމާވެއްޓާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި ގިނަ ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އެއްބަސްވުންތަކާއި މަޝްވަރާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތާގައި ލަންކާގައި ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި، ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫއެއްގައި އަދި ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެއްބާރުލުން ފޯރުކޮށްދިނުމާބެހޭ މުޢާހަދާއެއްގައި ވަނީ ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު