ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި އދ. ގައި ބޭއްވި ހައި-ލެވަލް ކޮންފަރެންސް، ފޮޓޯ: ފޮރިން މިނިސްޓްރީ
ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި އދ. ގައި ބޭއްވި ހައި-ލެވަލް ކޮންފަރެންސް، ފޮޓޯ: ފޮރިން މިނިސްޓްރީ
ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި އދ. ގައި ބޭއްވި ހައި-ލެވަލް ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ ”ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން“ގައި ރާއްޖެއިން ވެސް ބައިވެރިވާ ކަމަށެވެ.

އެގޮތުން ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވަނީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން އޭނާ ތަގުރީރު ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މިފަދަ ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވުމުން ދައްކުވައިދެނީ ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަ އާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ރާއްޖެއިން ދޭ އެއްބާރުލުން ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނިގޮތުގައި ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތެއް ޤާއިމްކުރުމަށް ސަރުކާރުން ވަކާލާތުކޮށްފައިވަނީ އދ.ގެ ކަމާބެހޭ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށެވެ.

ފަލަސްތީނުގެ މައްސަލައިގެ ސުލްހަވެރި ހައްލެއް ގެނައުމަށް އދ.ގެ އާންމު މަޖިލީހުގެ ގަރާރު 79/81 ގެ ދަށުން ބާއްވާ މި ކޮންފަރެންސަކީ ދެ ދައުލަތުގެ ހައްލަކާ ގުޅޭ ބައިނަލްއަގްވާމީ އެއްބަސްވުން އަލުން ކަށަވަރު ކުރުމަށް މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މި ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަނީ ފަރަންސޭސިވިލާތާއި ސަޢޫދީ ޢަރަބިއްޔާއެވެ. ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބާއްވައި މި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާތައް ހުށަހަޅައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު