އާރުޓީއެލް ފެރީއެއް
އާރުޓީއެލް ފެރީއެއް
އާރްޓީއެލް ފެރީގެ ޚިދުމަތް ޒޯން 4 ގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލް ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ޙަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، ޒޯން 4 ގެ ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ޒޯން 4 ގައި ހިމެނޭ އަތޮޅުތަކަކީ، މ، ފ، ދ، ތ، އަދި ލ އަތޮޅެވެ.

ދާދިފަހުން ސަރުކާރުން ވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތުގެ ދަށުން ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ގުޅާލާފައެވެ.

އާރުޓީއެލް ފެރީ ނިޒާމްގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅާއި، ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމާއެކު ޒޯން ދޭއްގައި ހިމެނޭ ހުރިހާ އަތޮޅެއްގައި އެޚިދުމަތް މިހާރު ވަނީ ފެށިފައެވެ. އަދި ވަރަށް އަވަހަށް ޒޯން 2 ގެ ރަށްތައް އާރުޓީއެލްއިން ގުޅާލާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް 11 އަތޮޅެއްގައި މި ޚިދުމަތް ފަށާފައިވާއިރު، ރައީސް ޞާލިޙްގެ ސަރުކާރުގެ ދަތުރުފަތުގެ ސިޔާސަތު ތަންފީޒު ކުރުމަށް ތަޢާރަފްކުރި "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ގެ މަސައްކަތް އެ ސަރުކާރުގެ ދައުރު ހަމަވީއިރު އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު