ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ
ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނުކުރަން ރައީސް މުހައްމަދު މުއިއްޒުއަށް ލަފާއަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލެއްވި ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު (ޢަބްދުﷲ ޤާޟީ) ގެ ނަން ދެވަނައަށް އޮތްއިރު، ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު ޢުޘްމާންގެ ނަން އޮތީ ޖޭއެސްސީގެ ލިސްޓުގެ ތިންވަނައަށްކަމަށް އެނގިފައިވެއެވެ. ޖޭއެސްސީން މިއަދު ވަނީ އެބޭފުޅުންނާއި އިންޓަވިއު ކޮށްފައެވެ. މި ތިން ބޭފުޅުންނާ ޖޭއެސްސީން މިއަދު އިންޓަވިއު ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަނުކުރަން ރައީސަށް ފޮނުވަން ނިންމީ ޣަނީގެ ނަންފުޅެވެ.

2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތް ކުރެއްވި ޣަނީ ވަނީ މަދަނީ ކޯޓުގެ ގާޒީ ކަމަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. ޖޭއެސްސީގެ ރައީސްކަން ވެސް ކުރެއްވި ޣަނީ މިހާރު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައެވެ.

އަލްއުސްތާޛު ޝުޖާޢު ޢުޘްމާން އަދި އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ފަހުން ހުސްވި ދެ މަޤާމަށްވެސް ކުރިމަތިލައްވާފައެވެ. ނަމަވެސް، އެ ދެ މަޤާމަށް ޢައްޔަނުކުރީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމް އަދި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް މި ތިން ބޭފުޅުން ކުރިމަތިލެއްވީ، އެންމެ ފަހުން އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ރިޓަޔަ ކުރެއްވުމާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެއްވުމުންނެވެ.

ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ފޮނުއްވަންޖެހެއެވެ. އެމަގާމަށް ބޭފުޅަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން އެ ނަންފުޅެއް ފާސްކުރެއްވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު