މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު އުޅުއްވަނީ އަމިއްލަ ޕާޓީތެރޭގައި ކޯޅުން ގިނަވެ ދައްކަވާނެ ވާހަކައެއް ނެތިގެން ކަމަށް މި ސަރުކާރުގެ މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިގޮތަށް ޝާހިދަށް ރައްދު ދެއްވާފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި މަސައްކަތް ކުރަމުން އައި ދާއިމީ ފަސް މުވައްޒަފަކު ޕީއެންސީގެ ލިސްޓަކަށް ވަޒީފާއިން ސަސްޕެންޑު ކޮށްފައިވާކަމަށް ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.

ޝާހިދަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، އެމް.ޑީ.ޕީގެ ސަރުކާރުގައި ދިވެހި ރައްޔިތުންނާ ދޭތެރޭ ކަންކުރިގޮތް ރައްޔިތުން އަދި ހަނދާން ނުނެތޭ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާފައިވާކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.

“ވެެރިކަން ފެށިގޮތަށް މާލެއާ ރަށްރަށުގައި ފެނަކަފަދަ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދިޔަ އެތައް ސަތޭކަކުދިންނެއް ޕާޓީގެ އެކްޓިވިސްޓުންގެ އެދުމަށް ވަޒީފާތަކުން ވަކިކޮށް އަދި އޮފީސްތަކުގައި ދާއިމީ ޒިންމާދާރު ވަޒީފާތަކުގައިތިބި ފަރާތްތައް ޒިންމާތަކުން އެކަހެރިކޮށް އެވީ އަނިޔާއަކީ ދުވަހަކުވެސް އެއާއިލާތަކުން ހަނދާން ނެތޭނެ ކަންކަމެއްނޫން.” ޝިޔާމް ވިދާޅުވެފައި ވެއެވެ.

ހަމައެއާއެކު ޝިޔާމް ވިދާޅުވީ، ރައީސް މުޢިއްޒަކީ ތާއީދުކުރާ ސިޔާސީ ފިކުރަކުން އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަކި ކުރަށްވާނެ ރައީސެއް ނޫން ކަމަށާއި، އެކަން އެމަނިކުފާނު ސާބިތުކޮށް ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ޝާހިދު އުޅުއްވަނީ އެމްޑީޕީގެ ތެރޭގައި ކޯޅުން ބޮޑުވުމުން ދައްކާނެ ވާހަކައެއް ނޭނގިގެން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

“އަމިއްލަ ޕާޓީތެރޭގައި ރިޔާސީ ކެންޑިޑޭޓުން ގިނަވެ އިންތިހާއަށް ކޯޅުން ގިނަވީމަ ދައްކަވާނެ ވާހަކައެއް ނެތިގެން އުޅުއްވާކަހަލަ ގޮތަކަށް ޝާހިދު އުޅުއްވާތަން ފެންނަނީ.” ޝިޔާމް ވިދާޅުވިއެވެ.



ޝިޔާމް މިމޭރުމުން ޝާހިދަށް ރައްދު ދެއްވާފައި ވާއިރު، އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެ ޕާޓީތެރޭގައި ފެކްޝަންތަކެއް އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އެ ގޮތުން، މިހާތަނަށް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޝާހިދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު