ސަރުކާރަށް 3 އަހަރު (156 ހަފްތާ) ފުރުމުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދަނޑިވަޅަކީ އިޖުތިމާޢީ، އިޤްތިޞާދީ އަދި މާލީ ގޮތުން ރާއްޖެ އިންތިހާއަށް ނާޒުކު ފައްތަރެއްގައި އޮތް ދުވަސްވަރެއް ކަމަށެވެ. އެގޮތުން ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދި، މާލީ ނިޒާމު ދަރަނީގެ ނުރައްކާތެރި ދަންތުރައެއްގައި ތާށިވެފައި އޮތްއިރު، އޭރުގެ ސިޔާސަތުތައް ފެއިލްވުމުގެ ސަބަބުން ޤައުމުގެ ސިޔާސީ ހަމަޖެހުންވެސް އޮތީ މުޅިންހެން ގެއްލިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ރައީސް މުޢިއްޒުގެ ޙިކުމަތްތެރި އަދި ދުރުވިސްނޭ ސިޔާސަތުތަކުގެ ސަބަބުން މިއަދު އެ ނާއުންމީދީ ޙާލަތު ވަރަށް ބޮޑަށް ބަދަލުކޮށްލައްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން އިދިކޮޅު ފަރާތްތައް ސިއްސުވާލެއްވުމަށްފަހު، ރާއްޖެ ދަރަނީގެ ނުރައްކަލުން ސަލާމަތްކުރައްވައި، ޤައުމުގައި ސިޔާސީ ހަމަޖެހުމާއި އަމާންކަން އަލުން ޤާއިމުކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރު ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޤައުމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅެމުންދާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، ރައްޔިތުން އެދޭފަދަ ފުދުންތެރި އިޤްތިޞާދެއް ބިނާކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ދާއިރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ސަރުކާރުން މިހާރު ގެންނަވަމުންދަނީ ދެމެހެއްޓެނިވި، ވަށާޖެހޭ ޙައްލުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
الحمدلله. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދަށް މިވީ ކާމިޔާބު 3 އަހަރެވެ. އެމަނިކުފާނު ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ ކަންކަން އޮތީ އިޖުތިމާޢީ، ޢިޤްތިޞާދީ އަދި މާލީ ގޮތުންވެސް ވަރަށް ދަތި އުނދަގޫ ޙާލަތެއްގައެވެ. ޤައުމުގެ އިޖުތިމާޢީ ފޭރާން އޮތީ ވީދިފައެވެ. ޤައުމުގެ މާލީ ހާލަތު އޮތީ ދަރަނީގެ ދަންތުރައިގައި ޖެހި ސަލާމަތްކުރަން އުނދަގޫ އަނދަވަޅަކަށް ވެއްޓިފައެވެ. ފެއިލްވެފައިވާ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ ސިޔާސީ ހަމަޖެހުން އޮތީ މުޅިންހެން ގެއްލިފައެވެ. މިއީ އެ ދުވަހުގެ ޙާލަތެވެ. އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުތަކާއެކު އެމަނިކުފާނު މިއަދު މިވަނީ އެދުވަހުގެ ޙާލަތު ވަރަށް ބޮޑުތަނުން ރަނގަޅު ކުރައްވާފައެވެ.
— Ahmed Shiyam (@Shiyamaldives) November 17, 2026
އިޖުތިމާޢީ ގޮތުން ދުޅަހެޔޮ އާދަތައް މުޖުތަމަޢުގައި އަށަގެންނެވުމަށްޓަކައި ޤައުމީ ފެންވަރުގައި ކާމިޔާބު މަސައްކަތްޕުޅުތަކެއް ދަނީ ކުރައްވަމުންނެވެ. އިދިކޮޅު ފަރާތްތައް ސިއްސުވާލައި ދަރަނީގެ ދަންތުރައިން ދިވެހި ރައްޔިތުން ސަލާމަތްކުރައްވައިފިއެވެ. ޤައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމްކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ރައްޔިތުން އުންމީދުކުރާ ފަދަ ފުދުންތެރި އިޤްތިޞާދަކަށް ހެއްދެވުމަށްޓަކައި ބިޔަބޮޑެތި އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އުފައްދަވައިފިއެވެ. ރާއްޖޭގެ އިޤްތިޞާދީ ސިނާއަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެެހުންތަކަށް ވަށާޖެހޭ ޙައްލުތަކެއް އެބަ ގެނެސްދެއްވައެވެ.
އެއްވެސް ޝައްކެއް ނެތް ގޮތެއްގައި ވެރިކަމުގެ ފުރަތަމަ 3 އަހަރު މިފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވޭނީ ތެދުވެރި، އިޚްލާސްތެރި، ކުޅަދާނަ ވެރިއަކަށެވެ. ރައީސް ޑރ. މުޢިއްޒުގެ ބަސްފުޅާއި ޢަމަލުފުޅުން ފެނި ހާމަވެގެންމިދަނީ އެމަނިކުފާނަކީ ކާމިޔާބު ސިޔާސީ ލީޑަރެއްކަމެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 3 އަަހަރު ހޯއްދެވި ކާމިޔާބީއަކީ ދިވެހި ރައްޔިތުންގެ ކާމިޔާބީއެވެ. މި ޤައުމުގެ ކާމިޔާބީއެވެ.
ކާމިޔާބު ހަފްތާ 156 އަށް ރައީސް ޑރ. މުޢިއްޒަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވަމެވެ. މާތް الله މި ދިވެހީންގެރާއްޖެ އަމާންކަމާއި ސުލްޙަމަސަލަސްކަމުގައި އަބަދުމެ ލައްވާށި! އާމީން.
ވެރިކަމުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި މިފަދަ މުހިންމު ކާމިޔާބީތަކެއް ހާސިލުކުރެއްވޭނީ އިޚްލާޞްތެރި، ތެދުވެރި އަދި ޤާބިލު ލީޑަރަކަށް ކަމަށް ވިދާޅުވަމުން ޝިޔާމް ފާހަގަކުރެއްވީ، ރައީސް މުޢިއްޒުގެ ބަސްފުޅާއި ޢަމަލުފުޅުން ސާބިތުވަނީ އެމަނިކުފާނަކީ ކާމިޔާބު ސިޔާސީ ޒަޢީމެއް ކަމެވެ.
މިނިސްޓަރު ޝިޔާމްގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ ކާމިޔާބު 156 ވަނަ ހަފްތާގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ލޮބުވެތި ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު