މާލޭގައި ގާއިމްކުރާ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށް
މާލޭގައި ގާއިމްކުރާ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށް
މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ތަރައްޤީކުރަމުން އަންނަ ނޭޝަނަލް ސާފިންގ ސްޓޭޑިއަމްގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މާލޭގެ ސާފިންގ ކޮމިއުނިޓީއަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ ވަސީލަތް ފުރިހަމަކޮށް ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާޅާއެޅުންތެރިންނަށް ކޮންމެހެން ބޭނުންވެފައިވާ މި މުހިންމު އުމްރާނީ ވަސީލަތް ބިނާކުުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމަވައިދެއްވާނެ ކަމަށެވެ. އަދި ހަމައެއާއެކު، އެހެނިހެން ކުޅިވަރުތަކާއި ގުޅުންހުރި ކޮމިއުނިޓީތަކަށް ބޭނުންވާ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ވެސް ސަރުކާރުން މިހާރު ކުރިއަށް ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ޤާއިމުކުރާ މި ސްޓޭޑިއަމަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ރާޅާއެޅުމުގެ މުބާރާތްތަކާއި ބޮޑީބޯޑިންގ މުބާރާތްތައް ރާއްޖޭގައި ބޭއްވޭ ފެންވަރަށް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރަމުން އަންނަ މުހިންމު ބިނާއެކެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ސަޕޯޓަރުންނާއި މަންޒަރު ބަލަން ތިބޭ ފަރާތްތަކަށް ޚާއްޞަ ސްޓޭންޑްތަކުގެ އިތުރުން ރޮސްޓްރަމް، މީޑިއާ ޒޯން، ކޮމެންޓްރީ ބޮކްސް އަދި ކެމެރާ ޑެކް ފަދަ ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. މީގެއިތުރުން އެތުލީޓުންގެ ފިޓްނަސްއަށް ޚާއްޞަ ޖިމަކާއި، އެކި ބޭނުންތަކަށް ބޭނުންކުރެވޭ މަލްޓިޕަރޕަސް ހޯލެއްވެސް މި ސްޓޭޑިއަމްގައި ހިމެނެއެވެ.

ކަނޑުގެ ލޮނުގެ އަސަރުކޮށްގެން ދަގަނޑު ދަބަރަށްވެ ހަލާކުވުމުގެ މައްސަލަ ދިމާވާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ކަމާބެހޭ އެސޯސިއޭޝަންތަކުގެ މަޝްވަރާއާއެކު ސްޓޭޑިއަމްގެ ޑިޒައިނަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ދަގަނޑު އޮނިގަނޑަކަށް ހަދަން ނިންމާފައި އޮތް ބައި ދޫކޮށްލުމަށްފަހު، މިހާރު މި މަސައްކަތް ކުރިއަށްދަނީ ކޮންކްރީޓް ސްޓްރަކްޗަރއެއްގެ ގޮތުގައި، ޢިމާރާތުގެ ޖާގަވެސް ކުރިއަށްވުރެ ބޮޑުކުރެވިގެންނެވެ.

މި ސަރުކާރުން ރާއްޖޭގެ އެކި ކުޅިވަރުތައް ކުރިއަރުވައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީތައް ހޯދޭނެ ފަދަ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، ފެންވަރު ރަނގަޅު ޒަމާނީ ކުޅިވަރު އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު