އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު
އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު
ދިވެހިންނަށް އެކަނި ކުރެވޭނެ ވިޔަފާރީގެ ދާއިރާތަކަށް 20 ދާއިރާ އިތުރުކުރަން ނިންމާފައިވާ ކަމަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްްއެމްގައި ވާހަކަދައްކަވަމުން އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ދިވެހިންނަށް އެކަނި ކުރެވޭނެ ވިޔަފާރީގެ ދާއިރާތަކަށް 20 ދާއިރާ އިތުރުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ދިވެހިންނަށް ޚާއްސަ 20 ދާއިރާ އިތުރުކޮށް އެކަމުގެ އިޢުލާނު ސެޕްޓެންބަރު މަހުގެ ކުރީކޮޅު ކުރާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވި ގޮތުގައި، މި އިތުރުކުރެވޭ 20 ދާއިރާގެ ތެރޭގައި ގިނަ އަދަދެއްގެ ދާއިރާތައް ހިމެނޭއިރު، މިއީ ރީޓެއިލް ވިޔަފާރިތަކުގެ އިތުރަށް ހިމެނޭ ދާއިރާތަކެކެވެ. ނަމަވެސް، އެ ދާއިރާތަކުގެ ތަފްސީލެއް މިނިސްޓަރު ސަޢީދު ނުދެއްވައެވެ.

މީގެ އިތުރުން ސަޢީދު ވިދާޅުވީ އެކަމާ ގުޅޭ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މިކަމަކީ ކެބިނެޓުން ނިންމާފައިވާ ކަމެއް ކަމަށެވެ. މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގިނަ ވަގުތު ހޭދަކުރައްވާފައިވާއިރު، ހުރިހާ ވަޒީރުންނާއި ފަންނީ ބޭފުޅުންގެ އިތުރުން ލޯ ފަރމްތަކާއި އެކި ދާއިރާތަކުގެ އެކްސްޕާޓުންނާ ވެސް މަޝްވަރާކޮށްފައިވާ ކަން ސަޢީދު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ސަޢީދު ވިދާޅުވީ ދިވެހިންނަށް އެކަނި ކުރެވޭނެ ވިޔަފާރިތަކުގެ ވަރަށް ބޮޑު ލިސްޓެއް މިހާރު ތައްޔާރުކުރެވިފައި ވާއިރު މިއީ ދިވެހި ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި ކުރެވޭނެ ވަރަށް ބޮޑު މަސައްކަތަކަށް ވާނެ ކަމަށެވެ.

މީގެ ކުރިން، އިކޮނޮމިކް މިނިސްޓްރީން ވަނީ ކާބޯތަކެތި ވިއްކާ ޚިދުމަތް ހިމެނޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅާފައެވެ. މިހާރު އިތުރުކުރެވޭ 20 ދާއިރާއާއެކު، ދިވެހިންނަށް ޚާއްސަ ވިޔަފާރި ދާއިރާތަކުގެ ޢަދަދު 45 އަށް އަރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު