އިނގިރޭސި ވިލާތުގެ ކޯޓަކުން ޖިންސީ ގޯނާކުރި މައްސަލައެއްގައި ހުކުމްކުރި މީހާ ނަމުގައި ދިވެހި ޕާސްޕޯޓެއް ދޫކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލާގައި ހުކުމްކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް"އަކީ އެއްވެސް އިރަކު ރާއްޖޭގެ ރައްވެހިކަން އޮތް މީހެއް ނޫން ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ރެކޯޑުތަކުގައި އެ ނަން ކިޔާ ދިވެއްސަކު ރެކޯޑު ކޮށްފައި ނުވާ ކަމަށާއި އިމިގްރޭޝަންގެ ރެކޯޑުތަކުގައި ވެސް، އެއްވެސް އިރެއްގައި އެ ނަން ކިޔާ މީހަކަށް ދިވެހި ޕާސްޕޯޓެއް ހައްދާ ދީފައި ނުވަތަ ދޫކޮށްފައިވާ ކަން އެނގެން ނެތް ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ކަމަށް ލިޔެ، ދައުރުކުރަމުން ދާ ޚަބަރަކީ އެއްވެސް އަސްލެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުން މި ހާދިސާ ހިނގާފައިވަނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ މަސާޖު ޕާލާއެއްގައި މީގެ ދެ އަހަރު ކުރިން، މާޗް 2023ގައެވެ.

ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް އިއްޔެ ކަނޑައަޅައި، ލަންޑަންގައި ހުންނަ ސައުތުވާކް ކްރައުން ކޯޓުން ހުކުމްކުރީ އުމުރުން 36 އަހަރުގެ ކޫޑަލިންގަމް ހަތަރު އަހަރަށް ޖަލަށް ލުމަށެވެ. ކޫޑަލިންގަމަކީ ދިވެއްސެއް ކަމަށާއި، އޭނާ ތައުލީމު ހާސިލްކުރީ އިންޑިއާއިން ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ކޫޑަލިންގަމަކީ ދިވެއްސެއް ކަމަށް ބުނާ ވާހަކަ އިމިގްރޭޝަނުން ވެސް މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު