ތުޅާދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފެށުން
ތުޅާދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފެށުން
ބ. ތުޅާދޫ އެއާޕޯޓްގެ މަސައްކަތަށް ބައެއް ބަދަލުތައް ގެނައުމަށްފަހު، އެމްޓީސީސީއާ ހަވާލުކޮށްގެން މިއަދު އެއަރޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ބައެއް ބަދަލުތަކާއެކު ކަމަށެވެ.

“އަޅުގަނޑުމެން ގެންނާނެ ބަދަލަކީ މި މަޝްރޫއު ފެށިގެންދާ ދިއުމުގައި މި ފަޅުން ބޭރުން އެހެން ތާކުން ވެލި ނަގައިގެން، އެއީ ފަޅުތެރެއިން ކަޓަރ ސަކްޝަން ނުޖައްސައި ހޮފަރ ޑްރެޖަރު ބޭނުންކޮށްގެން ކުރާ ގޮތަށް ބަދަލުކުރުން. އެ ގޮތަށް އިރާދަކުރެއްވިއްޔާ ބަދަލު ކޮށްދޭނަން.” ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ތުޅާދޫ އެއާޕޯޓުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން 2023 ގައި ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާގެ އެއްބަސްވުން އުވާލައި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އިއްޔެ އެވެ. އެއްބަސްވުން އުވާލުމާ ހަމައަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ކުރީ ސަރުކާރުން އެމަސައްކަތް އެވޯޑްކުރީ، ބިން ހިއްކާ ކުންފުނިން އަމިއްލައަށް ފަންޑު ކުރާ ގޮތަށް، އަދި ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުންނެވެ.

މި ސަރުކާރުން އެމްޓީސީސީއާ އިއްޔެ އެ މަސައްކަތް ހަވާލުކުރީ 570 މިލިއަން ރުފިޔާ އަށެވެ. ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމަން ޖެހޭ މުއްދަތަކީ 660 ދުވަހެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ތުޅާދޫގައި ހަދަނީ 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ކަމަށެވެ. އަދި އެއީ ކޯޑް ސީ3 ގެ ރަންވޭއެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެއްބަސްވުމުގެ ދަށުން އެއާޕޯޓު ގާއިމްކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1،677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާނެއެވެ.



ކިޔުންތެރިންގެ ހިޔާލު