އެމެރިކާގެ ރައީސް ޓްރަމްޕު އާއި ރަޝިއާގެ ރައީސް ޕުޓިން
އެމެރިކާގެ ރައީސް ޓްރަމްޕު އާއި ރަޝިއާގެ ރައީސް ޕުޓިން
ރަޝިޔާ އާއި ޔުކްރެެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މުހިންމު މަޝްވަރާތައް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ބައްދަލު ކުރައްވައިފިއެވެ.

ޓްރަމްޕް އާއި ޕުޓިން ބައްދަލު ކުރައްވާފައި ވަނީ އެލަސްކާގަ އެވެ. ޕުޓިން އެލަސްކާ އަށް ވަޑައިގެންނެވުމުން، ރަސްމީކޮށް އޭނާ އަށް މަރުޙަބާ ވިދާޅުވީ ވެސް ޓްރަމްޕްއެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމަ އަކީ، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިނގަމުން އަންނަ އެންމެ ނުރައްކާތެރި ހަނގުރާމައެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ޓްރަމްޕް އާއި ޕުޓިންގެ ބައްދަލު ކުރެއްވުމުން އެކަމަށް އިތުރަށް މަގު ފަހި ވެގެން ދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޓްރަމްޕް އާއި ޕުޓިންއާ ދެމެދު ކުރިއަށް ގެންދާ މުހިންމު މަޝްވަރާ ތަކުގައި ބައިވެރިވުމުގެ ދައުވަތު ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަށް ދެއްވާފައެއް ނުވެއެވެ.

އެކަމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ މަޤުސަދަކީ ޔުކްރެއިންގެ ފަރާތުން ނިންމުންތަކެއް ނިންމުން ނޫން ކަމަށެވެ. އަދި މިވަގުތު އެންމެ މުހިންމު އެއް ކަމަކަށް އޮތީ، ރަޝިޔާ އާއި ޔުކްރެއިން އެއް މޭޒެއްގެ ދޮަށަށް ގެނައުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ބޭނުން ވަނީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު