އެންވަޔަރަމެންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) ގެ އިސްވެރިޔަކަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން މުހައްމަދު އައްޔަންކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އީޕީއޭގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށް، އެ އިދާރާ، ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

އެހެންކަމުން އެތަން ހިންގުމުގެ އިސްވެރިއެއް ހޯދުމަށް އިއްޔެވަނީ އިއުލާނު ކޮށްފައެވެ.

ނަމަވެސް، އީއާރުއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ހައްސާން އެ މަގާމަށް އައްޔަން ކުރިކަން އިއުލާނުކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ. މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި އޭނާ މަގާމަށް ހަމަޖެއްސި ގޮތެއް އަދި ސާފެއް ނުވެއެވެ.

އެ މަގާމަކީ ޖުމްލަ 35،500ރ. ލިބޭ މަގާމެކެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތަށް ބަދަލު ގެނައީ، އީޕީއޭ އިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު