މިއަދުގެ މަސައްކަތުގައި ޙަރަކާތްތެރިވި ސްޓެލްކޯގެ ޓީމް
މިއަދުގެ މަސައްކަތުގައި ޙަރަކާތްތެރިވި ސްޓެލްކޯގެ ޓީމް
ހުޅުމާލޭ އިންޖީނުގެ ނިއްވާލައިގެން ސްޓެލްކޯއިން މިއަދު ކުރި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި މިއަދު ޙިއްސާކޮށްފައިވާ މެސެޖެއްގައި ފަހުމީ ވިދާޅުވީ، ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު 08:43 ގައި ވަނީ ކާމިޔާބުކަމާއިއެކު ނިންމާލެވިފައި ކަމަށެވެ.

“މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ 10:00 ގެ ކުރިން މި މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައި މިވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން.” ފަހުމީ ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުންނަކީ މަސައްކަތުގެ އަޚުލާޤާއި، މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙުގައި ތިބި ބައެއްކަމަށް ވިދާޅުވެ ތަޢުރީފް ކުރަށްވާފައެވެ. އެހެންކަމުން ފަހުމީ ވަނީ މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ.

އޭގެއިތުރުން މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން ސްޓެލްކޯއަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެންމެހާ ކަސްޓަމަރުންނަށް ފަހުމީ ވަނީ ޝުކުރު ދަންނަވާފައެވެ.

ސްޓެލްކޯއިން މިއަދު ކުރި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށް ފަހުމީ ވިދާޅުވެފައިވާއިރު، ސްޓެލްކޯއިން ރޭ ބުނެފައިވަނީ، މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގެ މޭޖަރ މަސައްކަތެއް ކުރުމަށް މިއަދު ހެނދުނު 6:00 އިން 10:00 އަށް އެ އިންޖީނުގެ ނިއްވާލާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް