އިބްރާހިމް ފަހީމް   24 އޯގަސްޓު 2025 - 23:56
ވަޒީރު އާދަމް ނަސީރު--
ވަޒީރު އާދަމް ނަސީރު--
ދިވެހިރާއްޖޭގެ ޤައުމީދުވަހަކީ އުންމީދުގެ ދުވަސްކަމަށާއި އެއީ ނާއުންމީދާއި ދުރުވާންވީ ދުވަސްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ވަޒީރު ވިދާޅުވީ ޤައުމު އަޅުވެތިވީ ވަގުތު އެ އަޅުވެތިކުރީ ކިހާވަރެއްގެ ބޮޑު ބާރެއްތޯ އެ ބާރާކުރިމަތިލެވިދާނެތޯ އުތީމު ތިންބެއިން ނުބައްލަވާ ކަމަށެވެ. ނުވަތަ އެ ކަން ބެއްލެވިކަމުގައި ވިޔަސް، އެ ގޮތަށް ވިސްނުންފުޅު ބަހައްޓަވައި ފަސްޖެހިވަޑައިނުގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެ ބަދަލުގައި އިސްކުރެއްވީ މާތް الله އަށް އޮންނަ އިތުބާރު ކަމަށާއި ހިތްޕުޅުގެ ވަރުގަދަ އީމާންކަން ކަމަށް ވިދާޅުވިއެވެ. އަދި އިސްކުރެއްވީ ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި އަދާކުރައްވަން ޖެހުނު ޒިންމާއާއި ޤައުމީ ވާޖިބު ކަމަށާއި އެ ކަމަށް ޓަކައި ދެއްކެވީ ނުގުޑާނެ ޢަޒުމާއި ޙިކުމަތު ޢަމަލީކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ މަސައްކަތުގައި 15 އަހަރު ވީ އިރުވެސް މާޔޫސްކަމެއް ތިންބެއިން ނުގެންގުޅުއްވާ ކަމަށާއި ހިތްވަރާއި ޢަޒުމާއި އިޚްލާޞްތެރިކަމާއެކު ދިގުމުއްދަތަކަށް ދެމިތިއްބެވުމުގެ ނަތީޖާއަކީ އެންމެ ފަހުން މާތް الله އެ އަބްޠާލުންނަށް ނަޞްރުދެއްވުން ކަމަށެވެ.

އޭގެ އިތުރުން ކަޅުއޮށްފުންމި ބެންނެވުމުގައްޔާއި، ޖިހާދުގެ އެކި މަރުޙަލާތަކުގައި ބޮޑުތަކުރުފާނު ކަންކަން ކުރެއްވި ހަރުދަނާ ގޮތްކޮޅުތަކުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް ވެސް ވަޒީރުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.

އަދި ގައުމީ ދުވަހަކީ އުންމީދުގެ ދުވަސްކަމަށާއި އެއީ ނާއުންމީދާ ދުރުވާންޖެހޭ ދުވަހެއްކަމަށް ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ ހަރަކާތްތައް މި އަހަރު ރަސްމީކޮށް ފާހަގަކުރަނީ އުތީމުގައެވެ.



ކިޔުންތެރިންގެ ހިޔާލު