ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުން- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުން- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޚާއްސަ ހާލަތެއް ނެތި ދިރާސީ އަހަރެއްގެ ތެރޭގައި ދަރިވަރުންގެ ސްކޫލު ބަދަލުކުރެވޭނީ ދެ ފަހަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މީގެ ކުރިން ދިރާސީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ސްކޫލު ބަދަލުކުރުމުގެ ފުރުސަތު އޮތްނަމަވެސް، އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި މި އުސޫލަށް ބަަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން އައު އުސޫލުގެ ދަށުން، ދިރާސީ އަހަރު ފެށެންވާއިރަށް ދަރިވަރުން ބަދަލުކުރަން ބޭނުންވާނަމަ، ދެވަނަ ޓާމު ނިމުމުގެ އެއް މަސް ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި ދެވަނަ ޓާމަށް ބަދަލުކުރަން ބޭނުންވާނަމަ، ފުރަތަމަ ޓާމު ނިމުމުގެ އެއް މަސް ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެއެވެ.

އެހެންނަމަވެސް ހާއްސަ ހާލަތްތަކުގައި، އެ ހާލަތެއް ބެލުމަށްފަހު ސްކޫލު ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަރިވަރުން ސްކޫލު ބަދަލުކުރުމަށް މިނިސްޓްރީން ދެ މަރުހަލާއެއް ކަނޑައަޅާފައިވާއިރު ފުރަތަމަ މަރުހަލާގެ ގޮތުގައި މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ކަނޑައަޅާފައެވެ. އަދި ދެވަނަ މަރުހަލާގެ ގޮތުގައި އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ކަނޑައަޅާފައެވެ.

އަންނަ ދިރާސީ އާ އަހަރަށް އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވަނީ މިމަހު 31 ގައެވެ.



ކިޔުންތެރިންގެ ހިޔާލު