އިބްރާހީމް އިސްމާޢީލް އިބުރާ
އިބްރާހީމް އިސްމާޢީލް އިބުރާ
ދިވެހި ރައްޔިތުން ބޭނުންވެގެން އުޅެނީ މާބޮޑު ތަރައްގީއެއް ނޫންކަމަށާއި ބޭނުންވަނީ އަދުލުވެރިކަންކަމަށް އިބްރާހީމް އިސްމާޢީލް، އިބުރާ ވިދާޅުވެއްޖެއެވެ.

ފޭސްބޫކްގައި މިއަދު ލިޔުއްވި ޕޯސްޓެއްގައި އެމްޑީޕީގެ ފުރަތަމަ ރައީސް، އިބުރާ ވިދާޅުވީ، ރައްޔިތުން ބޭނުންވެގެން އުޅެނީ މާ ބޮޑު ތަރައްގީއެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން ބޭނުންވަނީ ގާނޫނުއަސާސީގައި ބަޔާންވެފައިހުރި އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކޮށްދޭނެ ބައެއްކަމަށް އިބުރާ ވިދާޅުވެފައިވެއެވެ. އަދި ބޭނުންވަނީ އަދުލުވެރިކަން ގާއިމުވެގެން ދިޔުންކަމަށާއި އިތުރުކަމެއް ދައުލަތުގެ ފަރާތުން ބޭނުން ނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ސަރުކާރު ހިންގަވާ ބޭފުޅުންނާއި އިދިކޮޅު ޕާޓީތަކުގެ ބޭފުޅުންނާއި ސިޔާސީ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް އެ ވާހަކަ އަޑުއެއްސެވުމަށް އިބުރާ ވަނީ އެދިވަޑައިގެންފައެވެ.

ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި އިބުރާ އަކީ އެ ގާނޫނުއަސާސީގައި ހުރި އެފަދަ ހައްގުތަކުގެ ތެރެއިން ވެރިންގެ ފަރާތުން އިހުމާލުވެފައިވާ ގިނަ ހައްގުތަކެއްގެ ވާހަކަ ތިލަކޮށްދީ، މީގެ ކުރިން ވެސް އެކަންކަމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު