މީޑިއާ ބިލާ ގުޅޭ ގޮތުން ކޮމިޓީގައި އެމްއެމްސީގެ އިސް ބޭފުޅުންނާއެކު މަޝްވަރާކުރުން- ފޮޓޯ: މަޖިލިސް
މީޑިއާ ބިލާ ގުޅޭ ގޮތުން ކޮމިޓީގައި އެމްއެމްސީގެ އިސް ބޭފުޅުންނާއެކު މަޝްވަރާކުރުން- ފޮޓޯ: މަޖިލިސް
މީޑިއާ ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުވެސް ގެއްލޭ ގޮތަށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ބުނެފިއެވެ.

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ ބިލް މަޖިލީހުން ވަނީ ބަލައިގެންފައެވެ.

މި ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގެ މަސައްކަތް ފަށާފައިވާއިރު، މިއަދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެމްއެމްސީ ހާޒިރުކޮށްފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަމުން އެމްއެމްސީއިން ވަނީ މި ބިލު އޮތީ ރާއްޖޭގެ މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި ކަމަށާއި އެ ބިލުގައި ނޫސްވެރިންގެ ހިމާޔަތުގައި އެއްވެސް ކަމެއް ހިމަނާފައިނުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެމްއެމްސީގެ ރައީސް ހުސެއިން ސަގީފު ވިދާޅުވީ މީޑިއާ ބިލް އޮތީ އެކަށީގެންވާ ދިރާސާއެއް ކުރުމެއް ނެތި ކަމަށާއި، މި ބިލު ޑްރާފްޓް ކުރުމުގެ މަރުހަލާގައި ކަމާ ގުޅޭ އެއްވެސް ފަރާތަކާ މަޝްވަރާކޮށް ހިޔާލު ހޯދާފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި ބިލް އޮތީ މީޑިއާ ރެގިއުލޭޓް ކުރަން މިހާރު ކައުންސިލަށް ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭ ގޮތަށް ވެސް ނޫން ކަމަށާއި އެކަންކަން ބިލް ޑްރާފްޓްކުރިއިރު ސާފުކޮށްފައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާ ބިލް ފަރުމާ ކޮށްފައި އޮތީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ހައްގު އަދި ނޫސްވެރިކަމުގެ އަސާސްތައް ވެސް ގެއްލޭ ގޮތަށް ކަމަށް ސަގީފް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ބިލު ފަރުމާކޮށްފައިވަނީ މީޑިއާ ހައްގުތަކާއި ބްރޮޑްކާސްޓިންއާ ގުޅޭ ކަންކަން މަސްހުނިވާ ގޮތަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންވެ އެމްއެމްސީއިން އެދެނީ ކަމާ ގުޅޭ ފަރާތްތަކާ އެކު ފުޅާ ގޮތެއްގައި މަޝްވަރާކޮށްގެން ބަންޑާރަ ނައިބުގެ އޮފީހުން އާ ބިލެއް އެކުލަވާލުން ކަމަށް ސަގީފް ވިދާޅުވިއެވެ.

ސަގީފް އިތުރަށް ވިދާޅުވީ މިހާރު ހުށަހަޅާފައި އޮތް ބިލު އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ބިލުގެ ސަބަބުން އުފެދިގެން ދާނީ އިތުރު ކަންބޮޑުވުންތައް ކަމަށެވެ.

އެހެންކަމުން އެ ބިލު އަނބުރާ މަޖިލީހުގެ ތަޅުމަށް ފޮނުވާލުމަށް އޭނާ ވަނީ ކޮމިޓީގައި އެދިވަޑައިގެންފައެވެ.

ސަގީފު ވިދާޅުވީ ބަޖެޓާއި ވަސީލަތްތަކުގެ ދަތިކަމާ އެކު ވެސް އެމްއެމްސީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މީޑިއާ ރެގިއުލޭޓްކުރަން އާ ނިޒާމެއް ހޯދާ ނަމަ، އެކަން ކުރަން ޖެހޭނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށެވެ. އަދި އެކަމުގައި ރާއްޖޭގައި ގާއިމްވެ ތިބި އދ. ގެ ފަރާތްތަކުގެ އެހީ ހޯދުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް