އެޗްއާރްސީއެމް-
އެޗްއާރްސީއެމް-
މީޑިއާ ރެގިއުލޭޓުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފަރުމާކޮށްފައި އޮތީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެދާފަދަ ގޮތަކަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ބިލަށް ގެންނަން ފެންނަ އިސްލާހުތައް އެޗްއާރުސީއެމުން ވެސް ވަނީ ހުށަހަޅާފައެވެ.

އެގޮތުން ބިލާ މެދު އެ ކޮމިޝަނުން ހުށަހެޅި ކޮމެންޓުތަކުގައި ބުނީ އެކި ޕްލެޓްފޯމުތަކުގައި އަމިއްލަ ހިޔާލާއި ވާހަކަތައް ހިއްސާކުރާ ފަރުދުން ދައުލަތުގެ ކޮމިޝަނެއްގެ ބެލުމުގެ ދަށުގައި ރަޖިސްޓްރީ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި މި ބިލު ފަރުމާކުރެވިފައިވަނީ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށް ކަމަށާއި، ބިލުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަންކަން ހިމެނިފައިވާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.

އަދި މިނިވަން އަޑުތަކަކީ ދައުލަތުގެ ބާރުގެ ދަށަށް ގެންނަން ޖެހޭ ކަމެއް ގޮތުގައި ޑިމޮކްރެޓިކް ގައުމުތަކުން ނުދެކޭ ކަމަށްވެސް އެޗްއާރްސީއެމުން ފާހަގަކުރިއެވެ.

"ޑިމޮކްރެޓިކް ގައުމުތަކުގައި، މިނިވަން އަޑުތަކާއި ރައްޔިތުންގެ ނޫސްވެރިކަން ރައްކާތެރިކޮށްދޭ. އަދި އެއީ، ދައުލަތުގެ ބާރުގެ ދަށަށް ގެންނަންޖެހޭ ކަމެއްގެ ގޮތުގައި އެ ގައުމުތަކުން ނުދެކޭ،" އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

ޑިމޮކްރެޓިކް ގައުމުތަކުގައި ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ހިންގަމުން އަންނަނީ އަސާސީ ގޮތުން ތަފާތު އޮނިގަނޑުތަކެއްގެ ދަށުންކަން ފާހަގަކުރަމުން އެ ކޮމިޝަނުން ބުނީ އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން އެ ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ އެ ގައުމުތަކުން އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ.

އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވެސް، ހާއްސަކޮށް ސިޔާސީ ވާހަކަތަކަށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ފުޅާ ދާއިރާއެއްގައި މިނިވަންކަމެއް ދޭންވާނެ ކަމަށް ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާން ކޮށްފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ފާހަގަކުރިއެވެ.

އިނގިރޭސިވިލާތުގެ ޕްރިންޓް މީޑިއާ ބަލަހައްޓަނީ އައިޕީއެސްއޯފަދަ މިނިވަން މުއައްސަސާތަކުންކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ ބްލޮގް ލިޔާ ނުވަތަ އޮންލައިންކޮށް ހިޔާލު ފާޅުކުރާ ފަރާތްތަކުން ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން ހޯދަން ނުޖެހޭ ކަމަށެވެ. އަދި ބްރޯޑްކާސްޓް މީޑިއާ ރެގިއުލޭޓު ކުރުމަށް ކަނޑައަޅާ ކޮމިޝަންތަކާ ހިލާފަށް ޕްރިންޓް މީޑިއާއަށް އިނގިރޭސިވިލާތުގައި އޮންނަނީ ސެލްފް ރެގިއުލޭޓް ނިޒާމެއްކަންވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

އެހެންވެ ދެ ނިޒާމަކީ ވަކިން އޮންނަ ދެ ނިޒާމުގެ ގޮތުގައި ބޭއްވުމަަށް އެޗްއާރްސީއެމުން ވަނީ ހުށަހަޅާފައެވެ. އަދި އެއް އިދާރާއެއްގެ ދަށުން އެ ނިޒާމު ކުރިއަށް ގެންދިއުމަށް ނިންމިޔަސް ޕްރިންޓް މީޑިއާ އާއި ބްރޯޑްކާސްޓް މީޑިއާ ރެގިއުލޭޓް ކުރުމުގައި ގާއިމުކުރުމަށް ބަޔާންކޮށްފައިވާ ފަރަގު ގާއިމުކޮށްގެން ރެގިއުލޭޓްކުރުމުގެ ނިޒާމު އެކަށައަޅަންވެސް ހުށަހަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު