މިހާރުގެ ސަރުކާރުން ކޮންސްޓްރަކްޝަން ދާއިރާ ހުއްޓުވާލަން މަސައްކަތްކުރާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްޙީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޑރ. ޝަމްޙީދު ވިދާޅުވީ ދައުލަތުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ 12 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހިފަހައްޓާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

ޑރ. ޝަމްޙީދު ވަނީ ދިވެހި ވިޔަފާރިވެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ވިޔަފާރިތަކުން ބޭރުގެ މީހުން ގެނެސްގެން ހޯދަމުންދާ މާލީ މަންފާވެސް ހުއްޓުމަކަށް އަންނަން ކައިރިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަމްހީދު ވިދާޅުވީ މި ސަރުކާރުން އަންނަ އަހަރު ދައްކަންޖެހޭ ލޯނުތަކުގެ ކަންތައްތައް ސިއްރުކޮށްފައިވާ ކަމަށެވެ. އަދި ގަވަރުނަރަށް ބައްދަލުކުރި ބައްދަލުވުމުގައިވެސް އަންނަ އަހަރު ދައްކަންޖެހޭ ފައިސާ ދައްކާނެ ގޮތުގެ އެއްވެސް ޕްލޭނެއް ސަރުކާރަށް ނެތްކަން އެނގިފައިވާ ކަމަށް ޑރ. ޝަމްޙީދު ހާމަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް އެނގޭ ސަރުކާރަށް ލިބޭ ފައިސާ އާއި ކުރާ ޚަރަދު ޝާއިއުކުރުން ހުއްޓާލާފަ މިއަދު ވެބްސައިޓަކުން ތިޔަ ބޭފުޅުންނަށް ނުފެންނާނެ،" އޭނާ ވިދާޅުވިއެވެ.



ޑިފޯލްޓް ވެއްޖެނަމަ ކުރިމަތިވާނެ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ޑރ. ޝަމްޙީދު ވިދާޅުވީ، އެންމެ ބޮޑު އަސަރެއް ކުރާނީ ދިވެހިރާއްޖޭގެ ބޭންކިން ސެކްޓަރަށް ކަމަށާއި، ރާއްޖެ ޑިފޯލްޓްވެއްޖެ ހާލަތެއްގައި ބޭންކިން ސެކްޓަރެއްކޮށް ހުއްޓިދާނެ ކަމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މިއީ ސަރުކާރަށް އެކަނި ސިއްރުކޮށް ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، ކޮންމެ ރައްޔިތަކަށްވެސް މީގެ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ކޮންމެ ދުވަހަކު މި މައުލޫމާތުތައް ހާމަކުރަންޖެހޭނެ ކަމަށް ޑރ. ޝަމްޙީދު ގޮވާލެއްވިއެވެ.

ބަޖެޓު ފޮތުގައި ލޯނު ދައްކާނެ ގޮތްތަކާއި، ފައިސާ ސޭވް ކުރާނެ ގޮތްތައް ބަޔާންކޮށްފައި އޮތް ނަމަވެސް، މިއަދާ ހަމައަށް އެއްވެސް އަމަލެއް ނުކުރާ ކަމަށް ޑރ. ޝަމްޙީދު ވިދާޅުވިއެވެ. ގައުމުގެ މިހާ ދަތި އޮތްއިރު، އޯގަސްޓު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނު އަހަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

" 23.7 ބިލިއަން ރުފިޔާ އޯގަސްޓު ހަތަކާ މިއަދު ދައުލަތަށް ލިބިއްޖެ. މިއީ 2023 ވަނަ އަހަރާ ބަލާއިރު ގާތްގަނޑަކަށް ތިން ބިލިއަނެއްހާ ރުފިޔާ އިތުރަށް. އެހެންވީމާ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނީ ހަގީގަތުގައި،" ޑރ. ޝަމްޙީދު ވިދާޅުވިއެވެ.

ނަމަވެސް މިހާ ގިނަ އާމްދަނީއެއް ލިބިފައިވާއިރުވެސް، މި ފައިސާއަށް ވެގެން އުޅޭ ގޮތެއް ނޭނގޭ ކަމަށް ޑރ. ޝަމްޙީދު ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުން ޓެކްސްގެ ގޮތުގައި އިތުރު ތިން ބިލިއަން ރުފިޔާ ދައްކާފައިވާއިރު، މި ފައިސާއަށް ވީ ގޮތެއް ނޭނގޭތީ، އޯގަސްޓު 3 ވަނަ ދުވަހު ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ކޮންސްޓްރަކްޝަން ދާއިރާއަށް ސަރުކާރުން ދައްކަންޖެހޭ 12 ބިލިއަން ރުފިޔާ ނުދައްކާ ހިފަހައްޓާފައިވާ ކަމަށް ޑރ. ޝަމްޙީދު ވިދާޅުވިއެވެ. އަދި މިހެދި ގޮތަކީ ސަރުކާރުގެ ކުންފުނިތަކަށް ޕްރޮޖެކްޓްތައް އެވޯޑް ކުރަން ފެށުން ކަމަށާއި، މިހާރު މީރާގެ ޓެކްސް ނިޒާމަށް ޓެކްސް ނުދައްކާ މީހުން ޖަލަށް ލެވޭ ގޮތަށް ބިލެއް މަޖިލީހަށް ހުށަހެޅިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދީ މީހުން ޖަލަށް ލެވޭ ގޮތަށް ބިލު ފަރުވާކުރަމުން މިއަދު މި ދަނީ. އެހެންވީމާ އަޅުގަނޑުމެން ވިޔަފާރިވެރިން އެބަ ޖެހޭ މިކަމުގައި ބައިވެރިވާން،" ޑރ. ޝަމްޙީދު ވިދާޅުވިއެވެ.

އެމްޑީޕީން ރާވާ އެއްވުންތަކުގައި ބައިވެރިނުވެ މި ގައުމަށް އިސްލާހެއް ނުވާނެ ކަމަށް ޑރ.ޝަމްހީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު