އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (ޑަބްލިއުޑީސީ) ކޮމެޓީތަކަށް ދެމުންދާ ބަޖެޓް ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، މި އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5 އިންސައްތަ ދެގުނަ ބޮޑުކޮށް، 10 އިންސައްތަ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު ބުނެފައިވަނީ ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން 5 އިންސައްތަ އަންހެނުންގެ ކޮމިޓީތަކަށް ދޭން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކަށް ހިލޭ އެހީ ލިބޭތާ ގިނަވެގެން 30 ދުވަހުގެ ތެރޭ ކޮމިޓީއާ ފައިސާ ހަވާލުކުރަން ޖެހޭނެ ކަމަށް އެގާނޫނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު