އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން މަގުތަކަށް ނިކުމެ، މި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ކަމަށް އެމްޑީޕީ ކުރީގެ ރައީސް އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

ޑރ. ޑީޑީ މިހެން ވިދާޅުވީ، މިއަދު ހަވީރު ހުޅުމާލޭގައި އެމްޑީޕީން ބޭއްވި ޕިކަޕު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ޑީޑީ ވިދާޅުވީ، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޮޑު ތަޅު އަޅުވައި، ސުޕްރީމް ކޯޓުގައި ވެސް ބޮޑު ތަޅު އަޅުވާފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ އަނގަމަތީގައި މަލަން އަޅައި، އެ މީހުން ޖަލަށް ލުމަށް ގާނޫނެއް ފާސްކޮށް، މަޖިލީހުން ލިބިފައިވާ ސުޕަރ މެޖޯރިޓީ ނާޖާއިޒުކޮށް ބޭނުންކޮށް، ރައްޔިތުންގެ ހައްޤުތައް ހަނިކުރަމުންދާ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ކަން ވެސް ކުރެއްވި ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން މިއަދު ނިގުޅައިގަންނަމުންދާ ކަމަށާއި، މިފަދަ އަނިޔާވެރި ސަރުކާރަކަށް އިތުރު ފުރުޞަތެއް ދެވެން ނެތް ކަމަށެވެ.

"މި އަނިޔާވެރި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށް އިރާދަކުރެއްވިއްޔާ، އޮކްޓޯބަރު 3 ގައި އަޅުގަނޑުމެން މަގުމައްޗަށް ނިކުންނާނަން،" ޑރ. ޑީޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޑީޑީ ވިދާޅުވީ ރައީސް މުޢިއްޒު "ސްޕީޑްގައި" މައްޗަށް ދަނީ ދެ ކަމެއް ކަމަށާއި، އެއީ ޑޮލަރުގެ އަގާއި ތަކެތީގެ އަގު ކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެ، މިއަދާ ހަމައަށް ވެސް ރައްޔިތުންނަށް ދޮގު ހައްދަވައި، ރައްޔިތުންގެ ބައިތުލްމާލަށް ހަރާންކޯރުވުމުން، ދިވެހި ރައްޔިތުންގެ ހައްޤުގައި މަގުމައްޗަށް ނިކުންނަން ޖެހުނީ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ އިތުރަށް ވިދާޅުވީ، ރައްޔިތުން ވަރަށް ގިނަ ދުވަހު މަޑުކޮށްގެން ތިބެފި ކަމަށާއި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ވެސް ރައްޔިތުންގެ ހައްޤުތަކަށް އިހްތިރާމް ކުރުމެއް ނެތި، ރައްޔިތުންނަށް ވެފައި ހުރި ވައުދުތަކަށް ހަރާމްކޯރުވެ، ރައްޔިތުންގެ ބައިތުލްމާލު ލޫޓުވާލާފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު 50 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްގެން ވެސް، އެ ބަޖެޓުން ކުރެވުނު އެއްކަމެއް ވެސް ފެންނާކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކުރިއަށް ގެންދާ އެއްވެސް މަޝްރޫޢެއް ނެތް ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. ސަރުކާރަށް ދެ އަހަރުވާއިރު ހުޅުމާލޭގައި އެންމެ ގަލެއް ވެސް ބިންގާ އެޅިފައެއް ނެތް ކަމަށާއި، އެމްޑީޕީ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން 4000 ފުލެޓް ވެސް ނުދީ ހިފަހައްޓައި، ރައްޔިތުންނަށް ސަރުކާރުން ދޮގު ހަދައި އޮޅުވާލަމުން ގެންދާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނަށް މަޑުމަޑުން ގޭގައި ތިބެވެން ނެތް ކަމަށާއި، މަގުމައްޗަށް ނިކުންނަން ޖެހިފައިވާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. މިއަދު މި އަނިޔާވެރި ސަރުކާރު ޖަވާބުދާރީކުރެވޭނީ ހަމައެކަނި މަގުމަތިން ކަމަށް ވިދާޅުވެ ހުރިހާ ރައްޔިތުންނަށް އަންނަ އޮކްޓޯބަރު މަހު 3 ވަނަ ދުވަހު މަގުމައްޗަށް ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ޑރ. ޑީޑީ ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު