ގައުމު ދަރަނިން ސަލާމަތްކުރުމަށް ސަރުކާރުން ރާވާފައިވާ ގޮތް ސާދާ އަދި ސާފު ބަހުރުވައިން އާންމުންނަށް ހާމަކޮށްދެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރަނީގެ މައްސަލައަކީ އާދައިގެ ރައްޔިތުންނަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ދަރަނިން ސަލާމަތްވުމަށް ރައީސް މުޢިއްޒު ގަސްދުކުރައްވާ ގޮތް ހާމަކޮށްދެއްވުމަށް މާރިޔާ ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. އެކަމަނާ ވިދާޅުވީ، ކުރީގެ ސަރުކާރުގެ ވާހަކަ ދެެެއްކުމަކީ މިހާރުގެ ހާލަތަށް ޙައްލެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ސިޔާސީ ވާހަކަތަކެއް ކަމަށެވެ.

"ކުރީ ސަރުކާރަކީ ޙައްލެއް ނޫން، އެއީ ސިޔާސީ ވާހަކަ ތަކެެއް އަދި އަޅުގަނޑުމެން އެންމެންނަށްވެސް އެކަން އެނގޭ، އަޅުގަނޑުމެން ބޭނުންވަނީ ޙައްލުތައް އަޑުއަހަން،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ކަން ވެސް ކުރެއްވި މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އާދައިގެ ރައްޔިތުންނަށް ދޭހަވާ ގޮތަށް ޙައްލުތައް އަންގަވައިދެއްވުމުގެ މުހިންމުކަން މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އެކަން ސަރުކާރުން ކުރަންޖެހޭ ސަބަބު މާރިޔާ ސާފުކޮށްދެެއްވިއެވެ.

"އެއީ އަޅުގަނޑުމެންފަދަ އާންމު ރައްޔިތުންނަށް ވިސްނޭ ގޮތަށް، އަދި ބޭނުންވެއްޖެ ހިނދެއްގައި، ކުރަންޖެހޭ ބަދަލުތަކާއި، ކުރަންޖެހޭ ޤުރުބާނީތައް ކުރެވޭނެ ގޮތަށް، މި ހާލަތުން އަރައިގަނެވޭނެ ގޮތް އެނގުމަށް!" މާރިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ޖުމުލަ ދަރަނި 9.4 ބިލިއަން އެމެރިކާ ޑޮލަރަށް މިހާރު ވަނީ އަރާފައެވެ. އޭގެ ތެރެއިން މި އަހަރު އެކަނި ވެސް 600 މިލިއަނެއްހާ ޑޮލަރު، ގާތްގަނޑަކަށް 9.25 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު, އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ. މިހާތަނަށް އެންމެ ގިނަ ދަރަނި އުފައްދާފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެވެ. އެއީ ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު