ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ އެމަގާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކުރީ މިއަދު ކަމަށެވެ. އަދި އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް އައްޔަންކޮށްފައިވާ ކަމަށްވެސް ޕީސީބީ އިން ބުނެއެވެ.

ނަމަވެސް ފަހުމީ މަގާމުން ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ހާމައެއް ނުކުރެއެވެ.

ފަހުމީ މީގެކުރިން ހުންނެވީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.

1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުންގެންދެވި ފަހުމީ ވަނީ ސްޓެލްކޯގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. އެގޮތުން ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އެޗް.އޯ.ޑީގެ މަގާމާއި، ބިޒްނަސް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް، ކަސްޓަމާ ސާވިސް އަދި ސްޓެލްކޯގެ އެކި މަގާމުތައް އޭނާ ފުރުއްވިއެވެ. ފަހުމީ ސްޓެލްކޯގެ އެމްޑީކަން ދެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު