އެމްޑީޕީން ބޭއްވި މުޒާހަރާ އެއްގައި މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ
އެމްޑީޕީން ބޭއްވި މުޒާހަރާ އެއްގައި މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ
ރައްޔިތުންގެ ކެތްތެރިކަން މިހާރު ކޮޅުންލަމުންދާ ކަމަށާއި، ސަރުކާރެއް ވިޔާނުދާވާނީ މިހާކަންހާ ވަރަށް ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެެ.

ރާއްޖެޓީވީގައި ރޭ ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ސަރުކާރުން ރައްޔިތުން ފިއްތައި، ނިކަމެތިކޮށް، ހަތަރެސް ފައި ބަންނަމުންދާ ކަމަށާއި، ރައްޔިތުން މިކަމާ ދެކޮޅަށް ތެދުވާނެ ކަމަށެވެ. އަމިއްލަ ވިޔަފާރިތަކަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް އަލިއަޅުވައިލައްވަމުން މޭޔަރު އާޒިމް ވިދާޅުވީ، ވިޔަފާރިތަކުން ޓެކްސް ނުދެއްކުމުން އެމީހުން ޖަލަށް ލާން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން އެކި ފަރާތްތަކަށް ދޭންޖެހޭ އެތަށް ބިލިއަން ރުފިޔާގެ ފައިސާ ނުދީ ހިފަހައްޓާފައިވާ ކަމަށާއި އެ ފައިސާ ނުދިނުމުން ޖަލަށްލާންވީ ވެރިމީހާ (ރައީސް) ނޫންތޯ އާޒިމް ސުވާލުކުރެއްވިއެވެ.

"ވިޔަފާރިތަކުން ޓެކްސް ނުދިނީމަ އެމީހާ ޖަލަށް ލާން މިއުޅެނީ، ޖަލަށްލާންވީ ވެރިމީހާ ނޫންތޯ މިއަދު ވެރިމީހާ ނޫންތޯ ފައިސާ ނުދިނީ، މަސައްކަތް ކޮށްފައި ދާ އޮހުރުވައިގެން ރެއާ ދުވާލު މަސައްކަތްކޮށްފައި ބިލް ލީމާ އެބިލަށް ފައިސާ ނުދީފައި އަދި އެބިލުން ފައިސާ ލިބުނީމަ ޓެކްސް ދައްކަންޖެހޭއިރުގައި އެބިލަށް ފައިސާ ނުދީފައި ޓެކްސް ނުދެއްކީމަ ޖަލަށް މިލަނީ އެެއްކަހަލަ ހެސްކިޔާފައި ރެއާއި ދުވާލު ގުދުބިންދައިގެން މަސައްކަތްކުރިމީހާ ޖަަލަށް މިލަނީ،" މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ، ރާއްޖޭގެ ވެރިން މިވަރަށް "ނުލަފާ" ވާކަށް ނުވާނެ ކަމަށާއި، މިއީ ގަބޫލުކުރެވޭނެ ގޮތެއް ނޫން ކަމަށެވެ. މިހާރު މިފެންނަނީ ރައްޔިތުން ދެކެ ލޯބިނުވާ ސަރުކާރެއް ވެރިކަމަށް އައުމުންވާނެ ގޮތް ކަމަށް މޭޔަރު ވިދާޅުވިއެވެ. ރައްޔިތުންގެ ކެތްތެރިކަމަކީ ކޮޅުންލާ އެއްޗެއް ކަމަށާއި، އަބަދަށް އޮންނަ އެއްޗެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ. ކެތްތެރިކަން ކޮޅުންލީމާ ދެން ކަންތައްތައް ހައްލުކުރަން ސަރުކާރުން އުޅޭނެ ކަމެއްނެތް ކަމަށާއި، ދެން ޖެހޭނީ ރައްޔިތުން ބުނި ގޮތަށް ވެރިން ފައިބައިގެން ދާން ކަމަށް މޭޔަރު ވިދާޅުވިއެވެ.

ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކަށާއި، ދަރަނި އިތުރުކުރަމުންދާ ކަމަށް ވިދާޅުވެ މޭޔަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެތައް ބިލިއަން ރުފިޔާ ބޭކާރު ހަރަދުކުރަމުންދާ ކަމަށާއި، ރައްޔިތަކަށް ވީ ފައިދާއެއް ނެތުމުން އެއީ ބޭކާރު ހަރަދު ކަމަށެވެ.

"ލޯނު މައްޗަށް ލޯނު ނަގާ ރައްޔިތުން އިންތިހާއަށް ދަރަނިވެރިކޮށް ބަހައްޓާފައި، ދެން އެ ދަރަނިތައް ދައްކާނެ ގޮތެއް ވެސް ބުނެނުދެނީ. އަނެއްކާ ރައްޔިތުންގެ ތަންތަން މޯގެޖްކޮށްފައި ލޯނު ނަގާ ވާހަކަ މި ދައްކަނީ،" މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ނުދައްކާ ހުރިއިރު، އެ ކުންފުނިތަކާއި، އެތަންތަނުގެ މުވައްޒަފުންނާއި، އާއިލާތަކުގެ ހާލަތު ވަރަށް ދަށްވެފައިވާ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ވެރިންނަށް ރައްޔިތުން އުޅޭ ނިކަމެތި ހާލަތު އިހުސާސެއް ނުވާ ކަމަށާއި، އެމީހުންގެ (ސަރުކާރުގެ) އުފަލާއި އަރާމަށް ކުރާ އެއްވެސް ކަމެއް މަޑުޖައްސާނުލާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން ދުވާލަކަށް 15 މިލިއަން ރުފިޔާ ތަޅާ ހުސްކުރަމުންދާ ކަމަށް ތުހުމަތުކުރައްވަމުން މޭޔަރު ވިދާޅުވީ، މިއީ ދުވާލަކު 1200 އަކަފޫޓު ބިމެއްގައި ހުރި ދިހަ ބުރީގެ އިމާރާތެއް ތަޅާލައި، އެ ފައިސާ ހުސްކުރުން ކަމަށެވެ. ލިބޭ އެއްޗަކަށް ބެލުމެއް ނެތި ޚަރަދުކުރަމުންދާތީ ގައުމު މިހާރު ދަރަނިވެރިވެ، ކުންފުނިތަކާއި ގެތަކާއި ފިހާރަތައް ވެސް ދަރަނިވެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެއާއެކު ތަކެތީގެ އަގު ބޮޑުވެފައިވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، ކުރިން ޑޮލަރަކަށް 15 ރުފިޔާ ލިބުނު ނަމަވެސް، މިހާރު ޑޮލަރަކަށް 20 ރުފިޔާ ލިބިގެން ނޫނީ ޑޮލަރެއް ނުލިބޭ ކަމަށެވެ. އޭގެ މާނައަކީ ކުރިން 15 ރުފިޔާއަށް ލިބުނު އެއްޗެއް މިހާރު 20 ރުފިޔާއަށް ލިބޭ ވާހަކަ ކަމަށާއި، ތަކެތީގެ އަގު ވަރަށް ބޮޑުވެފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި ހުރިހާ ކަމަކާ ގުޅިގެން ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމަށް ވިދާޅުވެ، މޭޔަރު ވަނީ އަންނަ އޮކްޓޯބަރު މަހުގެ ތިނެއްގައި ބާއްވާ ބޮޑު މުޒާހަރާގައި ވިޔަފާރިވެރިންނާއި، ގޭގައި ތިބި އަންހެން ދަރިންނާއި، އާންމު ރައްޔިތުން ބައިވެރިވުމަށް ގޮވާލައްވާފައެވެ. ރައްޔިތުން ސަރުކާރާ ވެރިކަން ހަވާލުކުރީ ދުވާލަކު 15 މިލިއަން ރުފިޔާ ޚަރަދުކުރަން ނޫން ކަމަށާއި، ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތި ފައިސާ ހުސްކުރަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ރައްޔިތުންނަށް މި ނިކަމެތި ހާލަތު ޖައްސައި ތަކެތީގެ އަގުބޮޑުވެގެން ކަންތައްތައް މިހާ ހިސާބަށް ދިޔައީމައި ފެން ބިލާ ކަރަންޓް ބިލް ނުދެއްކޭ ހިސާބަށް ދިޔައީމަ އެކަން ކުރުވުމަށް އެބަޖެހޭ މަގުމައްޗަށް ނުކުންނަން، 3 އޮކްޓޯބަރުގައި އޮންނާނެ މަގުމައްޗަށް ނުކުތުން، މަގުމައްޗަށް ނުކުންނަނީ ގޭގައި ތިބެގެން ބުނީމަ އަޑު ނީވުނީމަ އަޑު އިއްވަން އަޑު އިވޭނީ ހުރިހާ ރައްޔިތުން އެއް އަޑަކަށް ބުނެލީމަ އަޑު ބާރުވާނެ، އެހެންވީމަ ގިނަ ރައްޔިތުން ނުކުންނަންވީ ނުކުމެ އަޑުއުފުލަންވީ އޭރުން ރައްޔިތުންގެ ކަންތައްތައް ހަމަޖެހިގެންދާނެ. އެނޫންގޮތަކަށް ހަމަޖެހޭނެ ގޮތެއް މިތާކު ނުފެނޭ" މޭޔަރު އާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު