މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު އަލުން ފަށަން އެ ރަށު ކައުންސިލުން ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.

ބ. ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް އެމްޓީސީސީއާއެކު ސޮއިކުރީ މިދިޔަ އޯގަސްޓް މަހު ރައީސް މުޢިއްޒު އެ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން 13 އޯގަސްޓްގައި ދޮންފަނަށް ކުރެއްވި ޒިޔާރަތުގައެވެ.

އެހެން ނަމަވެސް ދޮންފަނުގެ ރައްޔިތުންގެ އެދިގެންކަމަށް ބުނެ އެރަށުގެ ބިން ހިއްކަން ނިއްމި ނިއްމުން ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ދޮންފަނު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ރަށުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ނިންމީ އާއްމުންނާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. ބިން ހިއްކަން ރަށުގެ އާއްމުން ބޭނުންނުވާ ކަމަށް ވިދާޅުވެ ރައީސް ހެއްދެވީ އިތުރުފުޅެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ދޮންފަނު ކައުންސިލުން ބުނީ އެރަށުގެ ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއެއް ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތި ކުއްލިއަކަށް މި ފަދަ ނިންމުމެއް ނިންމުމަކީ ރައްޔިތުންނާއި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

ދޮންފަނު ކައުންސިލުން ވަނީ ރައްޔިތުންނާއި ކައުންސިލްގެ އެދުމާ ދެކޮޅަށް މި ނިންމެވި ނިންމެވުން އަނބުރައި ގެންދިއުމަށް ރައީސްއަށް ގޮވާލާފައެވެ.

"ރައްޔިތުން އެދިފައިވާ ގޮތަށް ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި ގޮވާލަމެވެ." ބަޔާނުގައިވެއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން އެރަށަށް ވެވަޑައިގެންނެވި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއިކޮށްފައިވީ ނަމަވެސް އެމަސައްކަތް ކުރިއަށް ގެންދަން ރައްޔިތުން ބޭނުންނުވާ ކަމަށް އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެހެންކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން.'”ރައީސް ވިދާޅުވިއެެވެ.

ދޮންފަނު ބިން ނުހިއްކަން ނިއްމުމާއި ގުޅިގެން އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެކަމާ ދެކޮޅަށް މިއަދު ވަނީ އަޑު އުފުލައި މުޒާހަރާ ވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު