ފުލުހުން އަތުލަިގެންފައިވާ ސިނގިރޭޓްތަކެއް
ފުލުހުން އަތުލަިގެންފައިވާ ސިނގިރޭޓްތަކެއް
އައްޑުއަށް ވަގަށް ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، މި ތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެ ތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެ ކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

އަތުލައިގަތް ޝިޕްމަންޓުގައި 1،840،000 ސިނގިރެޓް ސްޓިކް ހިމެނޭ ކަމަށާއި މިއީ 92،000 ކާޓަން ސިނގިރެޓު ކަމަށް ކަސްޓަމްސް އިން ވަނީ މަޢުލޫމާތު ދީފައެވެ.

އާ ޤާނޫނުގެ ދަށުން ދުންފަތް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓާއި ދުންފަތާއި ދުންފަތުގެ އިސްތިޢުމާލު ކުރަން ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީ ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފައެވެ. މިއާއި ގުޅިގެން މިފަދަ ވައްކަންތައް ވަނީ އިތުރުވެފައެވެ.

އައްޑުއަށް ވަގަށް ގިނަ އަދަދެއްގެ ސިނގަރޭޓު އެތެރެ ކުރަން މަސައްކަތް ކޮށްފައިވާއިރު، މީގެ ކުރިންވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެފައިއެވެ. އެގޮތުން މި ސެޕްޓެމްބަރު މަހުގެ ތެރޭގައިވަނީ ރާއްޖެއަށް އެތެރެކޮށް، ޑިއުޓީ ނުދައްކައި ކަސްޓަމްސްއަށް ސިއްރުން ސިނގިރޭޓް ބޭރުކޮށްފައިވާ މައްސަލައެއްގައި އޭގެ ޑިއުޓީގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އަމިއްލަ ކުންފުންޏަކަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު