އިސްރާއީލު ސިފައިން ޣައްޒާގައި-
އިސްރާއީލު ސިފައިން ޣައްޒާގައި-
ޔަހޫދީ ހަނގުރާމައިގެ އަސީރުން މިނިވަން ކުރާނީ ފަލަސްތީނުން އިސްރާއީލުގެ ސިފައިން ފޭބުމުން ކަމަށް ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސްއިން މިހެން ބުނެފައިވަނީ މި ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިސްރުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކުގައެވެ.

4 ގަޑިއިރަށް އިއްޔެ ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ހަމާސްއިން ސާފުކޮށް ބުނެފައި ވަނީ ވަގަށްނަގާފައިވާ ފަލަސްޠީނު މީހުން ދޫކޮށްލަން ޖެހޭނެ ކަމަށާއި ޔަހޫދީ ހަނގުރާމައިގެ އަސީރުން މިނިވަން ކުރާނީ ޔަހޫދީ ޓެރަރިސްޓް ސިފައިން ފޭބުމާ ގުޅުވައިގެން ކަމަށެވެ. އަދި އެންމެ ފަހު ޔަހޫދީ އަސީރު ދޫކޮށްލާނީ ޣައްޒާއިން އެންމެ ފަހު ޔަހޫދީ ޓެރަރިސްޓް ސިފައިންގެ މީހާ ފޭބުމުން ކަމަށްވެސް ހަމާސްއިން ވަނީ ބުނެފައެވެ.

މި މަޝްވަރާތަކުގައި ކުރިއެރުންތައް ހޯދިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ.

އެމެރިކާ އާއި އިސްރާއީލުގެ މަސްދަރުތަކުން ބުނީ އިއްޔެ އޮތް ދެވަނަ ދުވަހުގެ މަޝްވަރާތަކަކީ ފަންނީ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއް ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން އިސްލާމީ ޖިހާދުގެ އަސްކަރީ ޖަމާއަތް އަލްޤުދުސް ބްރިގޭޑްން ބުނީ "ދުޝްމަނުންގެ ހަނގުރާމައިގެ އަސީރުންނަށް ދުނިޔޭގެ އަލިކަން ފެންނާނީ ހަނގުރާމަ ނިންމާލުމަށް ވައުދުވެ އަސީރުން ބަދަލު ކުރުމަށް އެއްބަސްވުމުން" ކަމަށެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުންގެ ކެކުޅުމަށް ލުޔެއް ނުލިބޭ ގޮތަށް އެއްވެސް ކަމަކަށް އެއްބަސް ނުވެވޭނެ ކަމަށްވެސް ޤުދުސް ބްރިގޭޑުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު