ހުޅުމާލެ ފޭސް 2 ގެ ފްލެޓުތައް-
ހުޅުމާލެ ފޭސް 2 ގެ ފްލެޓުތައް-
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޭ 4،000 ފްލެޓްގެ ގުރުއަތު ނެގުމުގައި ކުރިން ބައިވެރިވެފައި ނުވާ މީހުންގެ ގުރުނެގުން މިއަދު ބާއްވައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ މިއަދުގެ ގުރުއަތުގައި 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައަޅަން ގުރުއަތު ނަގާފައި ނުވާ މީހުންނާއި 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައި ނުވާ މީހުންގެ ގުރުއަތު ނެގުން ކުރިއަށް ގެންދިޔަ ކަމަށެވެ.

މީގެ އިތުރުން، ކުރީގެ ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލުމަށް ފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކުގެ ގުރުއަތުވެސް މިއަދު ނެގުނެވެ.

ގެދޮރުވެރިޔާ ސްކީމްގެ ގުރުއަތު ނެގުމުގައި ބައެއް މީހުން ބައިވެރިނުވެވި ތިބެން ޖެހުނީ ކުރީ ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓް ދޫކުރުމުގެ މަސައްކަތް ހުއްޓާލަން އެންގުމާ ގުޅިގެންނެވެ.

އެ ފްލެޓްތައް ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ލިބުނު ޝަކުވާތަކާ ގުޅިގެން މައްސަލަ ތަހުގީގުކުރުމަށް އޭސީސީން އެންގުމާ ގުޅިގެން އޭގެ ފަހުން މިއަދާ ހަމައަށް ގުރުނެގުން ބާއްވާފައެއް ނުވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އެއްބަސްވުން ހަދައި، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު