ޞާދިރު ޢަލީދީދީ   26 ސެޕްޓެމްބަރު 2020 - 13:16
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 09

...............

ގިނަ ރޭރޭ މުޢާޒު އޮފީސް ނިންމާފައި ގެޔަށް އަންނާނީ ބާރަ އެކެއްޖަހާ އެހާކަންހާއިރުއެވެ. އޭނާ ގެޔަށް އަންނައިރު، ކޮންމެ ރެޔަކުވެސް ފިރާޝާ އޮންނަނީ ނިދާފައެވެ. ކާން ހަދައިގެން އިންތިޒާރުގައި އިންނަނީ ސުދާއެވެ.

[ސުދާ....ސުދާގެ ތި ޚިދްމަތް އަހަންނަކަށް ޙައްޤެއް ނޫން. ކޮންމެ ރެޔަކު ތިގޮތަށް ނިދިނަގާނުލާ.] މުޢާޒު ކާން އިށީންނަމުން ސުދާއާ މުޚާޠަބު ކުރިއެވެ.

[ތީ އަހަރެންގެ ސާހިބު މީހާ. އަހަންނަކީ މިގޭގައި ގެންގުޅޭ މީހެއް. މިއީ މިއަދު އަހަރެންގެ މަޤާމު.] ސުދާއަށް އިސްދަށަށް ޖަހާލެވުނެވެ.

[ސުދާ ތިހެން ނުބުނޭ. ސުދާ ތީ މިގޭގައި ގެންގުޅޭ ކުއްޖެއް ނޫން. މިހާރު އަހަރެންގެ ހިތަށްއަރާ، އަހަންނަށް ކައިވެނި ކުރެވުނީ މާއަވަހަށޭ.] މުޢާޒު ކާންފަށައިފިއެވެ. ސުދާ ދެތިން ފޫޓް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނެވެ.

[ސުދާ އަހަރެން ވާހަކައެއް އަހާލަންތަ؟] މުޢާޒު ބަތްސުވަލެއް އަނގަޔަށްލަމުން އެއްސެވެ.

[އެންމެ ރަނގަޅު.] ސުދާ އިސްއުފުލައި މުޢާޒުގެ މޫނަށް ބަލައިލިއެވެ.

[ސުދާ އަދިވެސް ބައިވެރިޔަކު ޚިޔާރު ނުކުރަންތަ؟] މުޢާޒު ސުދާގެ މޫނަށް ބަލައިލިއެވެ. އެވަގުތު މުޢާޒާއި ސުދާ ހަތަރުކަޅި ހަމަވިއެވެ.

[އާނ....އަދި....] ސުދާ އިސްޖަހާލިއެވެ.

[ވަރަށް ކެތްތެރި....] މުޢާޒު ހިނިތުންވެލިއެވެ. ސުދާ އިތުރަށް މުޢާޒާ ވާހަކައެއް ނުދައްކައެވެ. އޭނާ އެއިން ގޮތަށް އިސްޖަހައިގެން އިންދާ، މުޢާޒު ކައި ނިންމާލުމަށްފަހު ތެދުވިއެވެ.

[އަދަބެއްތަ؟] މުޢާޒު ތެދުވެގެން އައިސް ސުދާއާ ދާދި ގާތަށް ހުއްޓުނެވެ. ސުދާ ތެޅިގަތެވެ. އިސްއުފުލައި ސުދާ މުޢާޒުގެ މޫނަށް ބަލައިލިއެވެ. އެވަގުތު ސުދާގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.

[ފިރާޝާ ނިދަން އޮށޯތްތާ ވަރަށްގިނައިރު ވެއްޖެތަ!] މުޢާޒު ސުދާޔާ އިތުރަށް ވާހަކަ ދެއްކުމުގެ ޤަޞްދުގައި އެއްސެވެ. ސުދާ އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.

[އަހަރެން މިހާވަރަށް ވާހަކަ ދައްކާއިރުވެސް ސުދާ ތިއިންނަނީ އަނގައިން ނުބުނެ. އަހަރެން ދެރަކޮށްލަނީދޯ؟] މުޢާޒު ހިނިއައިސްފައި ހުރެ ބުންޏެވެ. ސުދާ އިތުރަށް ލަދުގަތެވެ.

މުޢާޒު އިތުރަކަށް އެތާކު މަޑެއް ނުކުރެއެވެ. އޭނާ ނުކުތެވެ. ހަމައެއާއެކު، ސުދާގެ ލޮލުން ކަރުނަ ހިލިގަތެވެ. ސުދާ އަވަސް އަވަހަށް އަތުގެ ނުފުށުން ކަރުނަ ފޮހެމުން ގޮސް މުޢާޒު ކޭތަށިތައް ނަގަން ފެށިއެވެ. މިހާރަކަށް އައިސް އެކަނިވާއިރަށް ސުދާއަށް ރޮވެއެވެ. ބައެއްފަހަރަށް މާލެއަށް ނާދެވުނުނަމައޭވެސް ހިތަށްއަރައެވެ. އެހެން ނަމަވެސް، އޭނާއަކީ ކެތްތެރިކަމުގެ ނަމޫނާ މިސާލެކެވެ. އޭނާ މާލެއައީ އޭނާގެ ލޯބިވާ ބައްޕައަށްޓަކައެވެ. ނަމަވެސް، މިއަދު އޭނާ ކެތްތެރިކަމާއެކު އެގޭގައި ހުންނަ ހުރުމަކީ މުޢާޒަށްޓަކައި ހުންނަ ހުރުމެކެވެ. ގޭތެރޭގައި އޭނަގެ ހިތްހަމަނުޖެހޭ އެތައް ކަންތައްތަކެއް ވެއަތުވި ދުވަސްތަކުގައި އޭނާއަށް ފެނި ވަނީ ތަޖްރިބާ ކުރެވިފައެވެ. ނަމަވެސް، މުޢާޒުގެ ބާއްޖަވެރި ޒަވާޖީ ޙަޔާތަށް ކަތުރުފަންޏެއްގެ މިސާލުވާކަށް އޭނާ ބޭނުމެއް ނޫނެވެ.

ގައިމެވެ. އޭނާ އެގެޔަށް އައި ދުވަހުން ފެށިގެން މިއަދާ ހަމައަށް ފިރާޝާގެ ފަރާތުން އޭނާއަށް ފެންނަމުން ދަނީ ވަފާތެރި އަންބެއްގެ ޙަރަކާތްތަކެއް ނޫނެވެ. އެހެން ނަމަވެސް، އެވާހަކަ ދައްކައިގެން، މުޢާޒުގެ ދިރިއުޅުން ހަލާކުކޮށް ނައްތާލާކަށް އޭނާ ބޭނުމެއް ނޫނެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް، ދުވަސްފުރާ ފިރާޝާ ލޯބިލޯބި ފިރިހެން ކުއްޖަކު ވިހައިފިއެވެ. އެދުވަހު އެގެޔަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެނެވެ. އެންމެންގެ މޫނުމަތިންވެސް ފާޅުވެ ފެންނަމުންދަނީ އުފާވެރި ހިނިތުންވުންތަކެވެ.

[ވަރަށް އުފާވެއްޖެ. މިއަދަކީ އަހަރެންގެ ޙަޔާތުގައި އެންމެ އުފާވި ދުވަސް....] މުޢާޒު ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ޢުބޭދާއެވެ. ޙަޤީޤަތުގައިވެސް މުޢާޒުހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އޭރު އެމީހުން ތިބީ އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ގޯތިތެރޭ ހުންނަ ހިލަގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައެވެ.

[އަހަރެންވެސް ވަރަށް އުފާވި ދުވަހެއް، ފުރަތަމަ ދަރިފުޅު އުފަންވީ ދުވަސް. ކޮންމެ މީހަކުވެސް އުފާވާނެދޯ؟] ޢުބޭދު ގޮނޑީގައި ހަމަޖެހިލިއެވެ. އެއީ މުޢާޒުގެ މައިދައިތަ ހޮސްޕިޓަލްގެ މައިދޮރާށިން ވަން ވަގުތެވެ. އެކަމަކު އޭނައެއް މުޢާޒުމެން ނުދެކެއެވެ. އޭނާ އެދިޔަގޮތަށް ވަދެގެން ދިޔައީއެވެ.

އެކަކު އަނެކަކަށް މުޢާޒުގެ އަލަތު ދަރިފުޅުގެ ވައްތަރު ކިޔަން ފެށުނީ ހޮސްޕިޓަލުން މިނިވަންވެ ގެޔަށް ދެވުނީމައެވެ. ފުރަތަމަ ވައްތަރުކީ މުޢާޒު އަމިއްލައަށެވެ.

[ހަމަގައިމުވެސް އަހަރެންގެ ލޯ. އަހަރެންގެ ކަންފަތް. ނޭފަތުންވެސް އަހަންނާ ވައްތަރޭދޯ؟] މުޢާޒު ދަރިފުޅާ ލޯބި ކުރަމުންގޮސް އެނދުގައި އިށީނެވެ. އޭރު އެންމެން މަންޒަރު ބަލަން ހިނިއައިސްފައި ތިއްބެވެ. ބާކީވަނީ އެންމެ މީހެކެވެ. އެއީ މުޢާޒުގެ މަންމަ ޙަފީޒާއެވެ. ޙަފީޒާގެ ލޮލުން ކަރުނަ ފައިބަފައިބާ ހުންނަތާ މިހާރު ބައިގަޑިއެއްހާއިރު ވެއްޖެއެވެ. ނަމަވެސް، މަންމަ ރޮނިކޮށް މުޢާޒަށް ފެނުނީ އެވަގުތުއެވެ. މުޢާޒު އަވަސް އަވަހަށް ގޮސް މަންމަގެ އުނގުގައި ދަރިފުޅު ބޭއްވިއެވެ.

[ނުރޮއި މަންމާ...އިރާދަކުރެއްވިއްޔާ، މަންމައަށް މި ދަރިފުޅު ފެނުމުގެ ނަޞީބު ލިބޭނެ.] މުޢާޒު ނުހަނު ލޯތްބާއެކު މަންމަގެ ލޯ ފޮހެދިނެވެ.

[ދަރިފުޅާ...މި ދަރިފުޅުގެ އެއްވެސް ގުނަވަނެއް މި މަންމައާ ވައްތަރެއް ނޫންތަ؟] ޙަފީޒާ ދަރިފުޅާ ލޯބިކޮށްލިއެވެ.

[އަނގަމަތިން ހީވަނީ ހަމަ މަންމަހެންދޯ ފިރާ.] މުޢާޒު ފިރާޝާއަށް ދޯދިނެވެ. އެވަގުތު ފިރާޝާއަށް ކިރުތަށްޓެއް ހިފައިގެން ސުދާ އައިސް އެތަނަށް ވަދެއްޖެއެވެ. ކިރުތަށި ސައިޑްކަބަޑްމަތީގައި ބެހެއްޓުމަށްފަހު، ސުދާ ކޮޓަރިން ނުކުތެވެ. އެވަގުތު ސިއްރު ސިއްރުން ސުދާ މުޢާޒަށް ބެއްޔެވެ. މުޢާޒަށްވެސް ސުދާގެ ޙަރަކާތްތަކަށް ބެލުނެވެ. ނަމަވެސް، އެކަން ފިރާޝާއަށް ފާހަގަނުކުރެވޭ ވަރަށެވެ.

އެވަގުތު ކުއްލިއަކަށް ފޯނު ރިންގްވާން ފަށައިފިއެވެ. މުޢާޒު އަވަސް އަވަހަށް ގޮސް ފޯނު ނެގިއެވެ.

[ހަލޯ....ހަލޯ....] އެކޮޅުން ވާހަކައެއް ނުދައްކައެވެ. އިރުކޮޅަކުން އިވުނީ ގުޅި މީހަކު ފޯނު ބޭއްވި އަޑެވެ. މުޢާޒު ގާތަށް ހިނިއައެވެ.

[ވާހަކައެއް ނުދައްކާ...ބާއްވައިފި.] މުޢާޒު ފޯނު ބާއްވާލުމަށްފަހު، އަނެއްކާވެސް އައިސް މަންމަ ގާތުގައި އިށީނެވެ.

ދެވަނަފަހަރަށް އެމީހަކު ގުޅީ މުޢާޒު ބޭރަށް ދިޔަތަނާހެނެވެ. މިފަހަރު ފޯނު ނެގީ އެވަގުތު ކޮޓަރީގައި ހުރި ފިރާޝާއެވެ. ފޯނު ނެގުމުގެ ކުރިން ފިރާޝާ ކޮޓަރި ތަޅުލިއެވެ. އޭނާ ފޯނު ނެގީ އެއަށްފަހުގައެވެ.

[ފިރާތަ! މަރްޙަބާ އިނގޭ. އަހަރެންވެސް ވަރަށް އުފާވެއްޖެ.] އެކޮޅުން ވާހަކަ ދެއްކީ ޒިއާމެވެ.

[ބާއްވަނީ...ފިރިމީހާ އަތުވެދާނެ.] ފިރާޝާ ހިތާދެކޮޅަށް ބުންޏެވެ. ނަޞީބު ދިމާކުރިގޮތުން އޭރު ކުޑަދަރިފުޅު އަޒްހާން އޮތީ ނިދާފައެވެ.

[އަދި ނުބާއްވަބަލަ...އެނގޭތަ މި ގުޅަނީ ކޮން ފޯނަކުންކަން. ފިރާގެ ގޭގެ ފިރާ ކޮޓަރި ނަމްބަރަށް ގުޅާލަބަލަ...ނަގަނީ ކާކުތޯ ބަލަން.] ޒިއާމް ހީގަތެވެ. ފިރާޝާ ކުޑަކޮށް ޙައިރާންވިއެވެ.

[ކިހިނެއް ތިތަނަށް ވަނީ؟] ފިރާޝާ ޝައުޤުވެރިވެސްވިއެވެ.

[މިހާރު މިތަން ހިފައިގެން އުޅެނީ އަހަރެންގެ ވަރަށް ގާތް ރައްޓެހި ހުވަދުއަތޮޅު ބައެއް. ފިރާ ފެންނާނެދޯ ވަރަށް ގިނައިން.] ވާހަކަ ދެއްކިގޮތުން ޒިއާމް ވަރަށް ބޮޑަށް އުފާވެފައިވާކަން އެނގެއެވެ.

[ތިތަން ކުއްޔަށްދިން ވާހަކަ، މަންމަ ނުވެސް ބުނޭ. މިހާރު ކިހާ ދުވަހެއް ވެއްޖެ.] ފިރާޝާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

[މި ހިނގާ މަހުގެ އެކެއްގައި. އަހަންނޭ މިތަން ހޯދާފައި ދިނީ....އަންނާނަންދޯ؟] ޒިޔާމް ބުންޏެވެ.

[ދެން ބާއްވަނީ...މުޢާޒު އަތުވެދާނެ.] ފިރާޝާ ފޯނު ބޭއްވިއެވެ.

ސުދާ ބަދިގޭ މަސައްކަތްތައް ނިންމާލުމަށްފަހު ހިންދެމިލިއެވެ. މިހާރު އޭނާ އެހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެން ނަމަވެސް، އަދިވެސް ކުރަންޖެހޭ ކިތަންމެ މަސައްކަތެއްވެސް އެބަހުއްޓެވެ. ގޯތިތެރޭ ކުނި ނުކަހާތާވެސް މިހާރު ދެދުވަސްވީއެވެ. އެހެންވެ އޭނާ ޤަޞްދުކުރީ ކުނިވެސް ކަހާށެވެ.

ރާއްޖެއިން ބޭރުގައި ތަޢްލީމް ޙާޞިލް ކުރަމުންދާ މުޢާޒުގެ ކޮއްކޮ އަސްޢަދު މާލެއައީ އެދުވަހުއެވެ. ފުރަތަމަފަހަރަށް އަސްޢަދަށް ސުދާ ފެނުނު ދުވަހަކީވެސް އެއީއެވެ. ފުރަތަމަ ނަޒަރުންވެސް އަސްޢަދުގެ ހިތުގައި ސުދާއާ ދޭތެރޭ ނޭނގޭ ޝުޢޫރުތަކެއް އުފެދުނެވެ. އޭނާއަށް ސުދާގެ ޙަރަކާތްތަކަށް ބެލުނެވެ. ސުދާއާބެހޭ މަޢުލޫމާތުތައް މަންމަ ގާތު އަހާ އޮޅުންފިލުވިއެވެ.

[އެއީ މިގެއަށް އާދެއެއްނު ރ. އަތޮޅު ވަސީމް...އޭނަގެ ހުރި ހަމައެކަނި ދަރިފުޅު ސުދާ އެއީ. ވަރަށް ގެވެހި ކުއްޖެއް.] ޙަފީޒާ އަސްޢަދަށް ސުދާގެ ތަޢާރަފް ދިނެވެ.

[ފުރަތަމަ ނަޒަރުންވެސް އަހަންނަށް ހީވެއްޖޭ އެއީ ވަރަށް ގެވެހި ކުއްޖެކޭ. އޭނަ މިގޭގައި އުޅޭތާ ވަރަށް ދުވަސްވެއްޖެތަ؟] އަސްޢަދުގެ ހިތުގައި ސުދާގެ ވާހަކަ ދެއްކުމުގެ ޝައުޤުވެރިކަން ބޮޑުވަމުން ދިޔައެވެ. ދެތަށި ޖޫސް ހިފައިގެން އައިސް ސުދާ އެތަނަށް ހުއްޓުނީ އެވަގުތުއެވެ. އަސްޢަދާ ދިމާއަށް ސުދާ ޖޫސްތަށި ދިއްކުރިއެވެ.

[ޝުކުރިއްޔާ.] އަސްޢަދު ޖޫސްތަށީގައި ހިފަމުން ޝުކުރު އަދާކުރިއެވެ. ސުދާ ދެވަނަތަށި ދިނީ ޙަފީޒާއަށެވެ.

[ވަރަށް މީރު ޖޫހެއް. މިއީ ކޮންކަހަލަ ޖޫހެއްބާ؟] އަސްޢަދު ޖޫސްތަށި ބޮއި ހުސްކޮށްލަމުން ސުދާގެ މޫނަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ސުދާ ލަދުގަތެވެ.

[މިކްސް ފުރުޓް ޖޫހެއް.] ސުދާ ހުސްތަށި އަތުލައިގެން ހިނގައިގަންނަމުން ބުންޏެވެ. އަސްޢަދު ހިނިތުންވެލިއެވެ.

[ދަރިފުޅާ މިތަށިވެސް ގެންދޭ.] ސުދާ ހިނގައިގަތް އަޑަށް ޙަފީޒާއެދުނެވެ. ސުދާ އެނބުރި އައިސް ތަށި އަތުލިއެވެ. އޭރުވެސް އަސްޢަދުގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ސުދާއަށެވެ. އެހެންވެ ސުދާއަށް އަސްޢަދުގެ ކުރިމަތީގައި ހުންނަންވީ އުނދަގޫ ކަމަކަށެވެ. އެހެންވެ އޭނާ ދެންވެސް އަވަހަށް ހިނގައިގަތީ އަސްޢަދުގެ ނަޒަރުން ސަލާމަތްވުމަށެވެ. އަސްޢަދު ހީވަނީ ރޯމަސްކޮޅަކަށް ދަހިވެތިވެފައިވާ ބުޅަލެއް މަސްގަނޑަކާ ދިމާއަށް ބަލަން އިންހެނެވެ.

[ހާދަވަރަކަށް ތިބަލަނީ. އަޅެ ތިވަރަށް ނުބަލަބަލަ. އަހަރެން ލަދުގަނޭ.] ފިރާޝާއާއި ޒިޔާމް ވާހަކަ ދައްކަން ތިބީ ފިރާޝާގެ މަންމަމެންގޭގައެވެ. އޭރު ޒިޔާމްގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ ފިރާޝާގެ ހަށިގަނޑަށެވެ. އެދެމީހުން ވާހަކަ ދައްކަން ތިބި ކޮޓަރިއަކީ ކުރީގައި ފިރާޝާގެ ކޮޓަރިއަށްވިޔަސް، އެއީ މިހާރު ކުއްޔަށް ދީފައިވާ ކޮޓަރިއެކެވެ. އެކޮޓަރި ކުއްޔަށް ހިފައިގެން އުޅެނީ ޒިޔާމްގެ ރަޙްމަތްތެރިޔާ ވަޖީހެވެ. މިއީ ވަޖީހު އޮފީހުގައި އުޅޭ ވަގުތެވެ.

[ވިހޭމަ ފިރާޝާ މާރީތިހެން ހީވަނީ.] ޒިޔާމް އެއިން ގޮތަށް ބަލަން އިނދެފައި ބުނެލިއެވެ. ފިރާޝާ އައިސް އެނދުގައި އިށީނެވެ. ޒިޔާމްވެސް ހިނިއައިސްފައި ހުރެ ފިރާޝާއާ ދާދި ގާތުގައި އިށީނދެއްޖެއެވެ.

[ދަރިފުޅުވެސް ގޮވައިގެން އައިނަމަ.] ޒިޔާމް ކުރިއަށް ވުރެންވެސް ފިރާޝާއާ ގާތަށް ޖެހިލިއެވެ. އެކެއްގެ ހޫނު އަނެކަކަށް އިޙްސާސްވާ ވަރަށެވެ. އެއަށްފަހު، އެދުވަހު ކޮޓަރިތެރޭގައި ވަގުތު ފާއިތުވެދިޔައީ ކިހިނެއްކަންވެސް ފިރާޝާމެނަށް ތަޞައްވުރުނުވާ ކަހަލައެވެ. އޭނާއަކީ އަދި ތިންމަސް ނުފުރޭ ތުއްތު ކުއްޖެއްގެ މައެއްކަން އޭނާއަށް ހަނދާންވީވެސް ކޮޓަރިތެރޭގައި ހޭދަވި ގަޑިއެއްހާއިރަށްފަހުގައެވެ. އޭނާގެ ދަރިފުޅަކީ ގާތުން ކިރުދޭ ކުއްޖެކެވެ. އޭނާ ގެއިން ނުކުތީ ދަރިފުޅަށް ނިދުނު ވަގުތު ބަލާފައެވެ.

އޭނާ ގެޔަށް ދިޔައިރު މުޢާޒު ކުޑަ ދަރިފުޅު އުރާލައިގެން ފިރާޝާގެ އިންތިޒާރުގައި ހުއްޓެވެ.

[ފިރާ....؟ ކޮންތާކުން އަހަރެން ފިރާގެ މަންމަމެން ގެޔަށްވެސް ގުޅައިފިން.] ފިރާޝާ ނުބުނެ ދިޔައީތީ މުޢާޒު ހުރީ ހިތްހަމަނުޖެހިފައެވެ.

[ގެޔަށް ދާން ނުކުތްތަނާހެން ރައްޓެއްސަކާ ދިމާވެގެން އޭނާއާއެކު އެމީހުންގެ ގެޔަށް ވަދެލީ. ވަރަށް ރުއިތަ؟] ފިރާޝާ ދަރިފުޅު އުރާލައިގެން ގޮސް އެނދުގައި އިށީނެވެ. މުޢާޒު ހިތްހަމަނުޖެހިފައި އެނދުގައި އޮށޯތެވެ.

[މުޢާޒު ރުޅިއައިސްފައިތަ؟ ސޮރީ....ދެން ދުވަހަކުވެސް ނުބުނެ ނުދާނަން.] މުޢާޒު ހިތްހަމަނުޖެހި ހުރިކަން ފިރާޝާ ދެނެގަތެވެ.

[އުނހު ރުޅިއައިސްފައެއް ނޫން. އެކަމަކު ފިރާ އަދި ތިއުޅެނީ ވިހައިގެން ތިންމަސް ނުވެގެން ވިއްޔަ.] ރުޅިނާންނަމޭ ބުންޏަސް، އޭނާގެ ވާހަކައިން ރުޅިއައިސްފައިވާކަން ޔަޤީންވެއެވެ.

[ދެން ނުދާނަމޭ...އަޅެ ބުނެބަލަ އެއްފަހަރަށް މަޢާފްކޮށްފީމޭ.] ފިރާޝާ މުޢާޒުގެ ބޮލުގައި އަތްކާއްތާލިއެވެ.

[އާނ މަޢާފްކޮށްފިން. އެކަމަކު ބުނަން، ދެން އަހަރެން ކައިރީ ނުބުނެ ބޭރަށް ގޮސްގެން ނުވާނެ.] މުޢާޒު ހިނިތުންވެލިއެވެ. ފިރާޝާ ދަރިފުޅު އުރާލައިގެން ކޮޓަރިން ނުކުތެވެ. އިރުކޮޅެއް ވަންދެން ވިސްނަން އޮވެފައި މުޢާޒުވެސް ނުކުތެވެ. އޭރު ސިޓިންގރޫމްގައި މިއަދު ނޫހެއް ހިފައިގެން އަސްޢަދު އިނެވެ. ހީވެއެވެ. އޭނާ ބަލަމުން ދަނީ ނޫހުގައިވާ އިޢުލާނުތަކަށެވެ.

[މިއަދުގެ ނޫސްތަ؟] ކޮޓަރިން ނުކުންނަމުން މުޢާޒު އަސްޢަދާ މުޚާޠަބު ކުރިއެވެ.

[އާނ....މިބަލަނީ ހުސް ވަޒީފާއެއް އޮތްތޯ.] ބޭބެ އަތަށް އަސްޢަދު ނޫސް ދިނެވެ. މުޢާޒު ނޫސް ހިފައިގެން، ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

[ބޭބެއަށް ވަރިހަމަ ކޮންމެ ތަނަކަށް ވަޒީފާއަށް ދިޔަޔަސް. އެކަމަކު ބުނަން، އެދާ ތަނެއްގައި ދެމިހުރެވޭތޯ ބަލަންވާނެ.] މުޢާޒު ކޮއްކޮއަށް ނަޞޭޙަތްތެރިވިއެވެ. އެއީ އަބަދުވެސް އޭނާގެ އާދައެކެވެ. ކޮއްކޮގެ ކޮންމެ ކަމެއްގައިވެސް އޭނާ ލަފާދެއެވެ.

[އަހަރެން ޤަޞްދުކުރަނީ، ސަރުކާރަށް ވަންނަން....ރަނގަޅުވާނެތަ؟] އަސްޢަދު މުޢާޒުގެ ލަފައަށް އެދުނެވެ.

[ބޭބެއަށްވެސް ފެންނަނީ ތިގޮތް. މާގިނަދުވަހު ވަޒީފާއަކަށް ނުގޮސް ހުހަށް ހުންނަން ވެއްޖެއްޔާ، ތަފާތު ރައްޓެހިންނާ ދިމާވެ، މީހާ މަގުއޮޅިދާނެ.] މުޢާޒު ނޫސްކިޔަން ފެށިއެވެ.

[އިންޖީނުގޭގައި އެބައޮތް ވަރަށް ރަނގަޅު ޖޮބެއް.] އަސްޢަދު ބުންޏެވެ.

[ސިޓީލާންވީނު.] މުޢާޒު ނޫހުގެ ގަނޑުތައް އެއްލަމުން ވާހަކަ ދެއްކިއެވެ.

[ސަރުކާރު ހުޅުވުނީމަ ސިޓީލާނަން.] މިހެން ބުނެފައި އަސްޢަދު އިންތަނުން ތެދުވެގެން ހިނގައިގަތެވެ.

[ކޮންތާކަށް ތިދަނީ؟] ނަޒްމާ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާ ޢުބޭދުއާއެވެ. އޭރު ޢުބޭދު ޓީޝާޓް ކޮނޑުން ވައްޓާލައިގެން ކޮޓަރިން ނުކުންނަން ހިނގައިގަންނަނީއެވެ.

[އަހަރެން ހަމަ ބޭރަށް ނުކުންނަހާ ފަހަރަކު ނަޒްމާ ޖެހޭތަ ތިހެން އަހަން. ނަޒްމާ ބޭނުންވަނީ އަހަރެންގެ މަޤާމަށް އަންނަންތަ؟] ޢުބޭދު ހުރީ ނުރުހިފައެވެ.

[އާނ...އަހަންނަކީ ޢުބޭދުގެ އަނބިމީހާ. ޢުބޭދު ދާތަނެއް އަހަންނަށް އެނގެން ޖެހޭނެ. އެނގެން ބޭނުންވެސްމެ.] ނަޒްމާ ދަރިފުޅު އުރާލައިގެން އެނދުގައި އިށީނެވެ.

[ނަޒްމާ އަހަރެން ކިހިނެއް ނަޒްމާއަށް ވިސްނައިދޭނީ. ނުވިސްނޭނެ. އަހަރެން ކޮންމެ ފިޔަވަޅެއްވެސް އަޅަނީ އަހަރެންގެ ދަރިފުޅާއި އަނބިމީހާގެ ޙައްޤުގައި.] ޢުބޭދު ނަޒްމާގެ ގާތަށް އައިސް އޭނާގެ އުނގުގައި އިން ދަރިފުޅާ ލޯބިކޮށްލިއެވެ.

[ތިއީ އަހަރެން ދަންނަ ވައްތަރެއް. އެބަދު އޮފީހުގެ ކޮންމެވެސް ކަމެއްގައި ބިޒީވެގެން.] ނަޒްމާ ކުސްތަޅަން ފެށިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން