މަރްޔަމް ނަހްދާ ވަޙީދު   19 ސެޕްޓެމްބަރު 2026 - 11:22
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މާލޭގެ އޮފީހެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ދެ ތިޖޫރީ ވަގަށް ނެގުމާއި މަސްތުވާތަކެތި ބޭނުންކުރުން ހިމެނޭހެން ހަތަރު މައްސަލައެއް ސާބިތުވެ، ޒުވާނަކު 55،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަތަކުގައި ކޯޓުން ހުކުމް އިއްވާފައިވަނީ ގ. ތަލްވާރުގެ، ޢަބްދުﷲ އަޒާން މަޖީދުގެ މައްޗަށެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭގެ ހަދީބީ މަގުގައި ހުންނަ ލިންކް ސާވް ރެޑްބޮކްސް އޮފީހުގައެވެ. އަޒާން އިތުރު މީހަކާއެކު ބައިވެރިވެގެން އެ އޮފީހުގެ ބޭރު ދޮރު ދަތް ދަގަނޑެއް ބޭނުންކޮށްގެން ހަލާކުކޮށްލުމަށްފަހު ވަނީ އެތަނަށް ވަދެފައެވެ. އަދި އެތަނުގައި ހުރި ދެ ތިޖޫރީއާއި، ކަޅު ކުލައިގެ ޓެބްލެޓަކާއި، އައިފޯން އެކްސް އެއްގެ އިތުރުން ސްމާޓް ގަޑިއެއް ވަގަށް ނަގައި، އެ ތިޖޫރީތައް ހަލާކުކޮށްލާފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފައެވެ. މީގެއިތުރުން، އޭނާ މަސްތުވުމަށްޓަކައި ބަނގުރާ ބޭނުންކުރާތާ ހަ އަހަރު ވެދާނެ ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާތީ، ބަނގުރާ ބުއިމުގެ ކުށުގެ ދައުވާވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފައެވެ.

މި ހުރިހާ ދައުވާތަކަށް އަޒާން ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. އެހެންކަމުން ކޯޓުން ވަނީ އަދަބު ލުއިކޮށްދިނުމުގެ ގޮތުން ޖޫރިމަނާގެ އަދަބުތަކެއް ކަނޑައަޅާފައެވެ.

އެގޮތުން ވައްކަން ކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން 41،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 12 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާގައި 10،800 ރުފިޔާއިން ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވާއިރު، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާގައި 2،600 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ތިން މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ބަނގުރާ ބުއިމުގެ ކުށުގައި 600 ރުފިޔާއިން ޖޫރިމަނާކޮށް އެއް މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

ހުރިހާ ދައުވާއަކުން އަޒާންގެ މައްޗަށް އައި ޖުމްލަ 55،000 ރުފިޔާގެ ޖޫރިމަނާ، ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާސްކުރުމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު