ޞާދިރު ޢަލީދީދީ   27 ސެޕްޓެމްބަރު 2020 - 11:2
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 10

...............

[ނަޒްމާ އަހަރެން ކިހިނެއް ނަޒްމާއަށް ވިސްނައިދޭނީ. ނުވިސްނޭނެ. އަހަރެން ކޮންމެ ފިޔަވަޅެއްވެސް އަޅަނީ އަހަރެންގެ ދަރިފުޅާއި އަނބިމީހާގެ ޙައްޤުގައި.] ޢުބޭދު ނަޒްމާގެ ގާތަށް އައިސް އޭނާގެ އުނގުގައި އިން ދަރިފުޅާ ލޯބިކޮށްލިއެވެ.

[ތިއީ އަހަރެން ދަންނަ ވައްތަރެއް. އަބަދު އޮފީހުގެ ކޮންމެވެސް ކަމެއްގައި ބިޒީވެގެން.] ނަޒްމާ ކުސްތަޅަން ފެށިއެވެ.

އެއީ ބައެއް އަންހެނުންގެ ގައިގައި ހުންނަ ޠަބީޢީ އުނި ސިފައެކެވެ. އެފަދަ މީހުންނަށް ހެޔޮވިސްނުން ލިބޭނީ ކޮންމެ ކަމެއްވެސް ގޯހުން ގޯހަށް ދިޔައީމައެވެ. ފިރިމީހާ ގެޔަށް އައިސް ވަންނަ ކޮންމެ ފަހަރަކު ފަތިވަރެއްހެން ޝަކުވާތައް އަމުނަން ފެށުން އެއީ ކިހާވަރެއްގެ ކަމެއްކަން އެފަދަ މީހުންނަކަށް ނުވިސްނޭނެއެވެ.

ނަޒްމާއަކީވެސް އެފަދަ އަންހެނެކެވެ. ގައިމެވެ. އަބަދާއި އަބަދު ޝަކުވާކުރުން އެއީ ފިރިން ފޫހިވާނެ އާދައެއްކަން އޭނާއަށް ވިސްނޭނެނަމަ، އޭނާ ޝަކުވާއެއް ނުކުރާނެއެވެ.

ޔަޤީނެވެ. ދިރިއުޅުމުގެ ނަވެއްގައި ކުރިއަށްދާން ބޭނުމިއްޔާ، މިޒާޖު އެއްގޮތްވުން އެއީ މުހިންމު ނުކުތާއެކެވެ. ތަފާތު ދެމިޒާޖެއްގެ ދެމީހަކަށް ދިރިއުޅުމުގައި ކުޅިފަސް ހޯދުން އެއީ މަދުން ނޫނީ ނުވާނެ ކަމެކެވެ.

ސުދާއަކީ ކޮންމެ މީހަކާވެސް ގުޅޭ ސާދާ މިޒާޖެއްގެ ވެރި މާތް އަޚްލާޤެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. ފުރަތަމަ ނަޒަރުން މުޢާޒުގެ ކޮއްކޮ އަސްޢަދުގެ ޝައުޤުވެރިކަން ސުދާއަށް ހުސްވާން ޖެހުނީވެސް އެހެންވެގެންކަން ގައިމެވެ.

ފާއިތުވަމުންދާ ކޮންމެ ދުވަހަކީވެސް އާ ފެށުންތަކަކާއި ނިމުންތަކެއްވެސް ޙިއްޞާ ކުރަމުންދާ ދުވަސްތަކެކެވެ. އެފަދައިން ކާމިޔާބަށް އެދި މަސައްކަތްކުރާ މީހުންވެސް މަދެއް ނުވާނެއެވެ. އެފަދައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އަސްޢަދު ސުދާއާ ކުރިމަތިލުމަށް ނިކަން ގިނަ ގޮތްގޮތަށް ވިސްނައިފިއެވެ. ނަމަވެސް، އޭނާއަކަށް ހިތްވަރެއް ނުލިބެއެވެ. ވެދާނެއެވެ. ލިބިދާނެ ޖަވާބަކާ ދޭތެރޭ އޭނާ ބިރުގަންނަނީއެވެ.

[ހިތަށްއަރާ، ސުދާ ގާތު ބުނަންވީއޭ.] އަސްޢަދު މަޝްވަރާ ކުރީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ނިޔާޒާއެވެ. އޭރު އެދެމީހުން ވާހަކަ ދައްކަން ތިބީ ސްޓެލްކޯ ކެންޓީން ތެރޭގައެވެ.

[ފިނޑިންނަށް އެއްކަމެއްވެސް ނުވާނެ.] ނިޔާޒަށް މިހެން ބުނެވުނުތަނާ ވެއިޓަރަކު ސައި ގެނައެވެ. އަސްޢަދު ސައިބޯން ފެށިއެވެ.

[ތިބުނީ ވަރަށްބޮޑު ތެދެއް؟ މިހާރަކަށްއައިސް އަހަންނަށްވެސް ބައެއްފަހަރު ހީވޭ، އޭނަވެސް އަހަންނާ ދޭތެރޭ ވިސްނާހެން.] އަސްޢަދު ބޯކަހާލިއެވެ.

އެދުވަހު އޮފީސް ނިންމާފައި އޭނާ ގެޔަށް ދިޔައީ ދަންވަރު ސުދާއާ ބައްދަލުކޮށް، އޭނާގެ ހިތުގެ ތެޅުންތަކުގެ އަޑު ސުދާއަށް އިއްވާލުމަށް ޢަޒުމް ކަނޑައަޅައިގެނެވެ.

މުޢާޒު އޮފީސް ނިންމާފައި އައިސް ގެޔަށް ވަނީ ސުދާ ކާންހަދާ ނިމުނުތަނާހެނެވެ. މުޢާޒު ފުރަތަމަ ވަނީ ކޮޓަރިއަށެވެ. އޭރު ފިރާޝާ ކުޑަދަރިފުޅަށް ކޮންމެވެސް އެއްޗެއް ކާންދޭން އިނެވެ.

[މުޢާޒު ދާންވީނު ކާން.] މުޢާޒު ކޮޓަރިއަށް ވަނުމާއެކުހެން ފިރާޝާ ބުނެލިއެވެ. މުޢާޒު ބޯޖަހާލަމުން ދަރިފުޅާ ލޯބިކޮށްލުމަށްފަހު ކޮޓަރިން ނުކުތެވެ. އަސްޢަދު ގެޔަށް އައީ އެވަގުތުއެވެ. ނަޞީބުދިމާކުރި ގޮތުން މިފަހަރުވެސް އަސްޢަދަށް ފުރްޞަތު ގެއްލުނީއެވެ. މެންދުރު ކާންޖެހުނީ މުޢާޒާއި އަސްޢަދާ ދެމީހުން އެކީގައެވެ. ކާން ތިބެފައި ކަތި ނަޒަރުތަކުން ސުދާއަށް ބަލަނީ މުޢާޒު އެކަންޏެއް ނޫނެވެ. އަސްޢަދަށްވެސް ބެލެނީ ސުދާގެ އެ ޖާދުވީ ރީތި ސިފައަށެވެ.

[ސުދާ ފެންތަށްޓެއް.] އަސްޢަދު ކުރިއަށްވުރެން ގާތުން ސުދާއަށް ބަލައިލުމަށް ބޭނުންވިއެވެ. ހަމަ މުޢާޒުވެސް އެ ފުރްޞަތު ބޭނުންވިއެވެ.

[ސުދާ މަށަށްވެސް ފެން.] ސުދާ ފުރަތަމަ ފެންދިނީ އަސްޢަދަށެވެ. މުޢާޒަށް ދިނީ އެއަށްފަހުގައެވެ.

އެދުވަހުވެސް އަސްޢަދަށް ސުދާއާ ކުރިމަތިލާން ފުރްޞަތެއް ނުލިބުނެވެ.

އެދުވަސްވެސް މާޒީވީއެވެ. އަސްޢަދުގެ އުންމީދުތައް ފުރިހަމަނުވެއެވެ.

ޖެހިގެން އައި ދުވަހުގެ ރެޔެވެ. ފިރާޝާ އިނީ ކުޑަދަރިފުޅު އަޒްހާން ނިންދަވާށެވެ. ފޯނު ރިންގްވާން ފެށީ އޭނާ ދަރިފުޅު ނިންދެވުމަށްފަހު އެނދުގައި ބޭއްވިތަނާހެނެވެ. އޭނާ ފުރަތަމަ ކޮޓަރި އެތެރެއިން ތަޅުލިއެވެ. ފިރާޝާ ފޯނު ނެގީ އެއަށްފަހުގައެވެ.

[އައްސަލާމް ޢަލައިކުމް.] ފިރާޝާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

[ފިރާ....އަހަންނޭ...އަންނަންވީނު.] އެކޮޅުން ވާހަކަ ދެއްކީ ޒިޔާމެވެ. ފިރާޝާގެ މޫނުމަތި އުޖާލާވިއެވެ.

[މިހާރަކު ނުދެވޭނެ.] ފިރާޝާ ހިތާދެކޮޅަށް ބުންޏެވެ. ދެން ފިރާޝާ ބަލައިލީ އަތުކުރީގައި އޮތް ގަޑިއަށެވެ.

[ކިހިނެއްވީ؟ ފިރިމަނިކުފާނު ހުރީތަ؟ ވަރަށް އަވަހަށް އަންނާނަމޭ ބުނެލާފައި އައިސްބަލަ.] ޒިޔާމް ހީވަނީ ކަމަކަށް ފެންބޮވައިގެންފައިވާހެނެވެ.

[މުޢާޒުގެ ހުއްދަ ލިބިއްޖެއްޔާ އެބަ ދަން. މުޢާޒުވީ ހުޅުލެއަށް ގޮސް. ހިއެއްނުވޭ އަވަހަކަށް އަންނާނެހެނެއްވެސް.] ފިރާޝާ ބުނެލިއެވެ.

[އަހަރެން ދަންތަ؟ ތިބުނީނުން އަވަހަކަށް ނާންނާނެއޭ އަދި ކިރިޔާ ނުވައެއްޖެހީއޭ.] ޒިޔާމްގެ ހިތް އަވަސްވިއެވެ.

[އާނ....ވަރިހަމަ. ވަރަށް އަވަހަށް ދާންވާނެ. ދެން ބާއްވަނީ.] ފިރާޝާ ފޯނު ބޭއްވިއެވެ.

ވިއްސާރައިގެ އަސަރު ދުނިޔެމައްޗަށް ވެރިވެގަތީ އެވަގުތުއެވެ. އިސާހިތު ވާރޭވެސް ވެހިގެންފިއެވެ. ފިރާޝާ އިނީ އިންތިޒާރުގައެވެ. ވާރޭ ވެހުނަސް ޒިޔާމް އަންނާނެ ކަމަށް އޭނާ ޔަޤީންކުރެއެވެ. ވީވެސް އެހެންނެވެ. ވާރެޔާ ތެމިފޯވެގެން ހުރެ އޭނާ އައިސް ވަނެވެ.

ހަމަ އެވަގުތެވެ. މުޢާޒު ހުރީ އޭނާގެ ބޮސްގެ ގޭގައެވެ. ވާރޭ ހުއްޓާލާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. އޭނާ ދޭތެރެ ދޭތެރެއިން ގަޑިއަށް ބަލައިލައެވެ. އޭރު މުޢާޒުގެ ބޮސް މަންޞޫރުވެސް ގާތުގައި އިނެވެ. އިރުކޮޅަކުން މަންޞޫރުގެ އަންހެނުން ޙަސީނާ ދެތަށި ކޮފީ ހިފައިގެން އައިސް މަންޞޫރަށާއި މުޢާޒަށް ދިނެވެ. އޭރު ގަޑިން ދިހަގަޑިބައިވެ ބޮޑުވެއްޖެއެވެ. ވާރޭ ހުއްޓައެއްނުލިއެވެ. އެންމެފަހުން އެގާރަޖަހަން ފަސްމިނިޓަށްވަރު ވުމުން، މުޢާޒު ގެޔަށް ދިޔުމަށްޓަކައި ނުކުތެވެ.

[ތެޅިގެން ދަނީތަ؟ ކާރުގައި ގެންގޮސްދެންތަ؟] މަންޞޫރު އެއްސެވެ.

[ނޫން...އޭރުން ސައިކަލޯ. ގެޔަށް ގޮސް ފެންވަރައިގެން ނިދީމަ ރަނގަޅުވާނެ.] މުޢާޒު ނުކުތެވެ. އޭރު ކުރިއަށްވުރެންވެސް ބޯކޮށް ވާރޭވެހޭހެން ހީވެއެވެ. ގެޔާ ހަމައަށް އާދެވުނުއިރު، މުޢާޒު ހުރީ ތެމިފޯވެފައެވެ. އޭރުވެސް ކޮޓަރިތެރޭގައި ޒިޔާމް ހުއްޓެވެ. މުޢާޒުގެ ފިޔަވަޅުގެ އަޑަށް ފިރާޝާއާއި ޒިޔާމް ހިމޭންވެއްޖެއެވެ. ފިރާޝާ އިނީ ބިރުވެސްގެންފައެވެ. އެހެން ނަމަވެސް، ޒިޔާމްގެ މޫނުމައްޗަކުން ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ.

[ފިރާ ދޮރު ހުޅުވަބަލަ.] މުޢާޒު ދޮރުގައި ޓަކިޖަހާލިއެވެ. އެވަގުތު ފިރާޝާ ކޮންމެވެސް މީހަކާ ވާހަކަ ދެއްކި އަޑު މުޢާޒަށް އިވުނެވެ. މުޢާޒު އެ އަޑަށް ސަމާލުވެލިއެވެ. ދެވަނަފަހަރަށް މުޢާޒު ދޮރުގައި ޓަކިޖެހީ އިތުރަށް ފިރާޝާގެ ހިލަމެއް ނުވީމައެވެ.

[ފިރާ....އަހަންނޭ...މިރޭ މާއަވަހަށް ނިދަނީތަ...ދޮރު ހުޅުވަބަލަ.] މުޢާޒުގެ އަޑު ކުރިއަށްވުރެން ބާރުވިއެވެ. މުޢާޒުގެ އަޑަށް ސުދާވެސް އެތަނަށް ނުކުތެވެ. ނަމަވެސް، ސުދާ ހުއްޓިހުރީ މުޢާޒަށް ނުފެންނަ ހިސާބު ދުރުގައެވެ. ސުދާއަށް ހުރިހާ ޙަޤީޤަތެއްވެސް އެނގެއެވެ. ފިރާޝާ ދޮރު ނުހުޅުވައި ލަސްވަމުންދަނީ ކީއްވެގެންކަންވެސް އޭނާއަށް އެނގެއެވެ. ތެދެކެވެ. ޒިޔާމް ވާރެޔާ ތެމިފޯވެގެން އައިސް ކޮޓަރިއަށް ވަންތަން، ހަމަ ރަނގަޅަށްވެސް އޭނާއަށް ފެނުނެވެ. ނަމަވެސް އެކަން ހާމަކޮށް މުޢާޒުގެ އުފާވެރި ދިރިއުޅުން ނަގާލާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ.

[ފިރާ....] މިފަހަރު މުޢާޒުގެ ރާގު، އިހުނަށްވުރެން ތަފާތެވެ. ފިރާޝާ ދެލޯ އުނގުޅަމުން ދޮރު ހުޅުވިއެވެ.

[ނިދަންށޭ ކިޔާފައި މަރުވަނީދޯ؟ މިހާރު ގޮވާތާ ކޮންއިރެއް؟] ވާރެޔާ ތެމިފޯވެގެން ހުރި މުޢާޒު ވާހަކަ ދައްކަމުން އެތެރެއަށް ވަނެވެ. ފިރާޝާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

[ފިނިބޮޑުވެގެން މާ އަވަހަށް ނިދުނިއްޔޭ. ދެންވެސް މިތަން ނުތެންމާ ތިހެދުން ބަދަލުކޮށްބަލަ.] ފިރާޝާ ހާސްކަން ފޮރުވަން މަސައްކަތް ކުރިއެވެ. މުޢާޒު ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ޒިޔާމް ވަރަށް ހުޝިޔާރެވެ. ދަނޑިވަޅު ބަލާފައި އެނދުތަންދޮށުގައި ފިލާ އޮތް ޒިޔާމް ކޮޓަރިން ނުކުތެވެ. އޭރުވެސް ސުދާ ބޮޑުކޮޓަރީގައި އިނެވެ. ޒިޔާމަށް ސުދާ ނުފެނުނަސް ޒިޔާމް ނުކުތްތައް ސުދާއަށް ފެނުނެވެ.

އެރޭވެސް ފާއިތުވެދިޔައީއެވެ. މުޢާޒަށް އެއްވެސް ކަމެއް ޝައްކު ނުވެއެވެ.

ދުވަސްތަކެއްގެ ދިގު އިންތިޒާރުތަކަކަށްފަހު، އަސްޢަދަށް އޭނާގެ ހިތުގައި އުތުރިއަރަމުންދާ ޖަޒުބާތުތައް ސުދާގެ ކުރިމައްޗަށް ބަންޑުން ކޮށްލާނެ ފުރްޞަތު ލިބުނީ، ޖެހިގެން އައި ދުވަހުގެ ހެނދުނުއެވެ. އޭރު އަސްޢަދު އިނީ ހެނދުނުގެ ނާސްތާ ކުރާށެވެ. ސުދާ އިނީ މުޢާޒު ކޭ ތަށި ދޮންނާށެވެ.

[ސުދާ އަހަރެން ވަރަށްބޮޑު ވާހަކައެއް ދައްކަންވެފައި އެބައޮތް. ވަގުތެއްވާނީ ކޮންއިރަކު.....] އަސްޢަދު ސުދާގެ ލޮލަށް ބަލަން އިނދެފައި ބުންޏެވެ.

[ކޮންވާހަކައެއް؟ މިހާރު ދައްކަންވީނުން.] ސުދާ އައިސް މޭޒުކައިރިއަށް ހުއްޓުނެވެ.

[ސުދާ ރުޅި ނާންނައްޗޭ. މިއީ ވަރަށް ޕަރސަނަލް ވާހަކައެއް. ސުދާގެ ބިޓެއް ހުރޭތަ؟] އަސްޢަދު ކުރިމަތިލިއެވެ.

[ތިސުވާލަށް ޖަވާބުދޭން އަހަރެން ޢުޒުރުވެރިވަން.] ސުދާގެ ތުންފަތުގައި ކުޅެލީ ލަދުވެތި ހިނިތުންވުމެކެވެ.

[އެއީ!؟] އަސްޢަދު އޮޅުންފިލުވަން ބޭނުންވިއެވެ.

[އެއީ އަހަރެން މިދުވަސްވަރު ދައްކަން ބޭނުންނުވާ ވާހަކައަކަށްވީމަ.] ސުދާ އެވާހަކަ ކުރިއަށް ގެންދާކަށް ބޭނުމެއް ނޫނެވެ.

[އެންމެ ރަނގަޅު. އަހަރެން ވާހަކައެއް ބުނެފިއްޔާ ރުޅިނާންނާނަންތަ؟] އަސްޢަދު ސީދާ މައުޟޫޢަށް ދިޔުމަށްޓަކައި މަގު ތަނަވަސްކުރިއެވެ.

[ބުނެބަލަ.....] ސުދާ ބުންޏެވެ. އަސްޢަދު އިރުކޮޅަކު ވިސްނާލިއެވެ. ވެދާނެއެވެ. އޭނާ ޖެހިލުންވަނީއެވެ. ސުދާގެ މިޒާޖު ކުރިން ދަސްވެފައި ނުވާތީ ފަސްޖެހެނީއެވެ.

[ކީއްވެ ފަސްޖެހެނީ؟] ސުދާ ހީލިއެވެ.

[ބުނަންވީތަ؟ އެކަމަކު މިވާހަކަ އެއްވެސް މީހެއް ގާތު ނުބުނައްޗޭ.] އަސްޢަދު ސުދާއަށް ބަލައިލިއެވެ. ސުދާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

[ސުދާ....އަހަންނަށް ސުދާދެކެ ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އަހަންނަށް ސުދާގެ އެހީ ވަރަށް ބޭނުން. މިވާހަކަ ދައްކަން އަހަރެން މަސައްކަތް ކުރާތާ ލައްކަ ދުވަސްވެއްޖެ. ހިތްވަރު ލިބުނީ މިއަދު. ސުދާ...ކޮންމެވެސް އެއްޗެކޭ ބުނެބަލަ.] އެވަގުތު އަސްޢަދާއި ސުދާގެ ހަތަރުކަޅިހަމަވިއެވެ. ސުދާ އިސްޖަހާލިއެވެ.

[އަސްޢަދު އަހަރެން ތެދަށް ބުނަންވީތަ؟ އަހަރެންގެ ހިތަކު އެހެން މީހަކަށް ދޭނެ ތިނޯހެއް ހަރާލާނެ ވަރުގެ ތަންކޮޅެއްވެސް ނެތް. އަހަންނަށް މަޢާފްކުރޭ އަސްޢަދު.] ސުދާއަށް މިހެން ބުނެވުނުއިރު، އަސްޢަދުގެ ދެލޯ ހުރީ ފެންކަޅިވެފައެވެ. ސުދާ އިތުރަކަށް އަސްޢަދުގެ ލޮލަކަށް ނުބަލައެވެ. އޭނާ އިސްޖަހާލިއެވެ.

[ސުދާ...ތިހެން ނުބުނޭ...އަހަރެން މަރުވެދާނެ.] އަސްޢަދު އާދޭހުގެ ރާގަކަށް އެދުނެވެ. ސުދާ ހިނގައިގަތެވެ.

[ސުދާ މަޑުކޮށްބަލަ.] އަސްޢަދުގެ އަޑު ކުރެހުނެވެ. ސުދާ ހުއްޓުނެވެ.

[އަސްޢަދު އަޅެ އާދޭސްކޮށްފައި ބުނަން...އަހަންނަށް ތި މައުޟޫޢަށް ވާހަކަ ނުދައްކަބަލަ.] ސުދާ މިހެން ބުނެފައި ގޮސް ކާގެއިން ނުކުތެވެ. ހަމައެއާއެކު، އަސްޢަދުގެ ދެލޮލުން ކަރުނަ ހިލިގަތެވެ.

އެދުވަހުގެ ފަހުން އަސްޢަދުގެ އުޅުމަށް ވަރަށްބޮޑު ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އެކަން ބައްޕަ ޒަކީއާއި މުޢާޒަށް ފާހަގަކުރެވުނުވެސް މެއެވެ. ކެއިންބުއިމާ ދުރުވުމުގެ އިތުރަށް އަބަދުވެސް ފެންނަނީ ކޮންމެވެސް ޚިޔާލެއްގައި ހުންނަތަނެވެ.

[ދަރިފުޅާ މިހާރަކަށް އައިސް ކިހިނެއްތަ ތިވަނީ. ހީވަނީ މަރުބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މީހެއްހެން.] ޒަކީ އަސްޢަދަށް އަންނަމުންދާ ބަދަލު ފާހަގަކޮށް ވާހަކަ ދެއްކިއެވެ.

[ތިއީ ބައްޕައަށް ހީވާގޮތް. އަހަންނަށް އެއްވެސް ކަމެއްނުވޭ. ބައްޕާ ތިވަރަށް އަހަންނާ ދޭތެރޭ ނުވިސްނަބަލަ. އަހަންނަކީ މިހާރު ކުޑަކުއްޖެއް ނޫނޭ.] އަސްޢަދު ބުންޏެވެ. އޭނަ ބޭނުންވަނީ އޭނާގެ އިޙްސާސްތައް ބައްޕަމެނަށް ސިއްރުކުރާށެވެ.

[ދަރިފުޅު ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ. ބައްޕަ ގާތު ބުނެބަލަ.] ޒަކީ އަސްޢަދުގެ ބޮލުގައި އަތް ކާއްތާލިއެވެ. އަސްޢަދު ގަދަކަމުން ހިނިތުންވެލިއެވެ.

[ކީއްވެފައި ތިހިރީ؟] މުޢާޒު ވާހަކަ ދެއްކީ އޭނާގެ އަނބިމީހާ ފިރާޝާއާއެވެ. އެއީ ފިރާޝާ ހޮސްޕިޓަލަށް ގޮއްސައި އައިސް ގެޔަށް ވަން ވަގުތެވެ. މުޢާޒު އެސުވާލު ފިރާއާ ކުރީ ކޮޓަރިއަށް ވަންއިރު އޭނާ ހިނިއައިސްފައި ހުރީމައެވެ.

[އެނގޭތަ މިއަދު ޑޮކްޓަރު ބުނި އެއްޗެއް.] ފިރާޝާ ބަނޑުގައި އަތް ކާއްތާލަމުން ބުންޏެވެ.

[އާނ ދެނަހުރިން. ތިއުޅެނީ ފިރާ ބަނޑު ބޮޑު ވާހަކަ ބުނާކަށްނު.] ފިރާޝާގެ ޙަރަކާތްތައް މުޢާޒު ދެނެގަތެވެ.

[ހާދަ މޮޅޭ...މުޢާޒު އުފަލެއް ނުވޭތަ؟] ފިރާޝާ އެނދުގައި އޮށޯތެވެ.

[ނޫނޭ...ވަރަށް އުފާވެއްޖެ. މިފަހަރު އަންހެން ކުއްޖެއްދޯ؟] މުޢާޒު އުފާވެފައި ހުރެ ފިރާޝާ ގާތުގައި އިށީނެވެ.

[އަހަރެންވެސް ބޭނުމީ އަންހެން ކުއްޖެއް.] ފިރާޝާ މުޢާޒުގެ މޭގައި ބޯއަޅާލިއެވެ. ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. ފޯނު ނެގީ ފިރާޝާއެވެ.

[ފިރާޝާތަ؟] އެކޮޅުން ވާހަކަ ދެއްކީ ޒިޔާމްގެ ރަޙްމަތްތެރިޔާ ވަޖީހެވެ.

[އާނ ކިހިނެއްވީ؟] މުޢާޒު އޮތުމުން ފިރާޝާ ހުރީ ހާސްވެފައެވެ. އެވަގުތު މުޢާޒު ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.

[ފިރާޝާ....ޒިޔާމް އެކްސިޑެންޓް ވެއްޖެ. ވަރަށް ޙާލު ދެރަ. މިހާރު ދުނިޔޭގައި އޮތް ކަމެއްވެސް ނޭނގެ.] ފިރާޝާއަށް ހީވީ އޭނާގެ ބޮލަށް މީހަކު ތޫނު އެއްޗެއް ހަރާލިހެނެވެ.

[ނޫން...ނުވާނެ ތިހެނެއް.] ފިރާޝާގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ.

[ފިރާޝާ ޤަބޫލުކުރޭ....މަރުވުމުގެ ކުރިން އޭނަގެ މޫނު ދެކެން ބޭނުމިއްޔާ އަވަހަށް އައި.ޖީ.އެމް.އެޗަށް އާދޭ....] ވަޖީހު ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އޭނާ ފޯނު ބޭއްވިއެވެ. ފިރާޝާ އަނބުރައިގަނެގެން ވެއްޓުނީ އެހާ ހިސާބުންނެވެ. މުޢާޒު ފާޚާނާއިން ނުކުތްއިރު ފިރާޝާ އޮތީ ޚަބަރު ހުސްވެފައެވެ.

އެރޭ ވަގުތުން ފިރާޝާ ގެންދެވުނީ ހޮސްޕިޓަލަށެވެ. ފިރާޝާ ހޮސްޕިޓަލަށް ވެއްދި ވަގުތާއި ޒިޔާމްގެ ގަބުރު ހޮސްޕިޓަލުން އެމްބިއުލަންސަށް އެރުވުންވީ އެއްވަގުތަކަށެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ވެގެން އުޅޭގޮތް ދެނަހުރި އެކަކުވެސް ނެތެވެ. މުޢާޒުވެސް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އޭނާއަށްވެސް އެނގޭހާވެސް ވަރަކީ އައި ފޯންކޯލަކަށްފަހު ފިރާޝާ ޚަބަރު ހުސްވިކަމެވެ.

ފިރާޝާ ހޭއެރީ ޑޮކްޓަރު ފަރުވާދޭތާ ގަޑިއެއްހާއިރު ފަހުންނެވެ.

[އެކްސިޑެންޓެއް ނުވާނެ...މަރެއް ނުވާނެ.] ހޭއެރި ވަގުތު ފިރާޝާގެ އަނގައިން ބޭރުވި ޖުމްލައިން އެންމެންގެ ސަމާލުކަން އަތުލިއެވެ.

[ކާކު އެކްސިޑެންޓްވި ވާހަކަ.] ޑޮކްޓަރު އަރުވިންދު ފިރާޝާއާ މުޚާޠަބު ކުރިއެވެ. އެވަގުތު ފިރާޝާއަށް މުޢާޒު ގާތުގައި ހުއްޓާ ފެނުނީ ކަމަށްވެސް ވެދާނެއެވެ.

[ކޮންމެވެސް މީހަކު ގުޅާފައި ބުނީ މަންމަ އެކްސިޑެންޓް ވެއްޖެޔޯ.] ފިރާޝާ ދޮގުހެދިއެވެ. އެއީ ފިރާޝާގެ މަންމަ އައިސް އެތަނަށް ވަން ވަގުތެވެ.

[ދަރިފުޅާ މަންމަ މިއިނީއޭ....ކާކުތަ އެވަރުގެ ބޮޑު ދޮގެއް ހެދީ؟] ފިރާޝާގެ ބޮލުގައި ފިރުމަން ފެށިއެވެ. ބޭޒާރުވާން ނޭދޭތީވެ ފިރާޝާ ނިކަން ހިތްވަރު ކުރިއެވެ. އޭގެ ނަތީޖާއަކަށްވީ އެރޭ އޭނާ ހޮސްޕިޓަލުން ގެޔަށް ފޮނުވާލެވުމެވެ.

އެރެއަށްފަހު ފިރާޝާގެ އުޅުމަށްވެސް ބަދަލުތަކެއް އައިހެން ހީވެއެވެ. ގިނަވަގުތު އޭނާ ހުންނަނީ މޮޅިސާލު ލައިގެނެވެ. އެކަމާ މުޢާޒު ސުވާލުކުރޭވެސް މެއެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް ފިރާޝާ ދިފާޢުވެގަނެއެވެ.

[ފިރާ އަހަރެމެން މިއުޅެނީ މާދަމާ ކުޑަބަނޑޮހަށް ދަތުރުދާން. ފިރާވެސް ދާންވާނެ. މިގޭ އެންމެންވެސް ގެންދަންވާނެ.] މުޢާޒު ބޭނުންވަނީ ތަފާތު ޙަރަކާތްތައް ދައްކައިގެން ނަމަވެސް ފިރާޝާ ހަމަޔަކަށް އަޅުވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން