މަރްޔަމް ނަހްދާ ވަޙީދު   25 ނޮވެމްބަރު 2025 - 6:32
އިސްރާއީލުގެ ހަމަލާއަށްފަހު ގެއްލުންވީ ތަންތަން ބަލަނީ
އިސްރާއީލުގެ ހަމަލާއަށްފަހު ގެއްލުންވީ ތަންތަން ބަލަނީ
ޔަހޫދީ އިސްރާއީލުން ހިޒްބުﷲގެ އިސް ކޮމާންޑަރު ހައިތަމް އަލީ ތަބަތައީ ޝަހީދުކޮށްލައިފިއެވެ.

ހައިތަމް އަލީ ތަބަތައީ އަކީ ބެއިރޫތުގައި ހުންނަވާ ހިޒްބުﷲގެ ޗީފް އޮފް ސްޓާފެވެ.

އިސްރާއީލުން އޭނާ ޝަހީދުކޮށްލީ ބެއިރޫތުގެ ދެކުނުގެ ހަރިތު ހްރެއިކްގައި އޭނާ ހުންނެވި އެޕާޓްމަންޓް އިމާރާތަކަށް ދެ މިސައިލުން ހަމަލާ ދީގެންނެވެ. މި ހަމަލާގައި 5 މީހުން މަރުވެ، 28 މީހުން ޒަޚަމްވި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިއީ، ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲއާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އިސްރާއީލުން ހަމަލާދީ ޝަހީދުކޮށްލި ހިޒްބުﷲގެ އެންމެ އިސް ކޮމާންޑަރެވެ.

އޭނާ ޝަހީދުކޮށްލުމަށްފަހު އިސްރާއީލުން ބުނީ އޭނާ އަވަހާރަކޮށްލީ، ހިޒްބުﷲއިން އަލުން ހަތިޔާރު ނަގައި އިސްރާއީލާ ދެކޮޅަށް ހަމަލާދޭން ތައްޔާރުވަމުންދާތީ ކަމަށެވެ. އަދި އިސްރާއީލުން ބެއިރޫތަށް ހަމަލާދިނީ އެމެރިކާއަށްވެސް ކުރިން އެންގުމަށްފަހު ކަމަށް ބައެއް ރިޕޯޓުތަކުގައި ވެއެވެ. އެކަމަކު، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ހިޒްބުﷲއިން އަލުން ހަތިޔާރު ނަގައި ހަމަލާދޭން އުޅޭ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އެ ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް އިސްރާއީލަށް ދެއްކިފައި ނުވާކަމަށެވެ.

އިސްރާއީލުން ހިޒްބުﷲގެ ވެރިންނަށާއި، ހިޒްބުﷲގެ ތަންތަނަށް ކެނޑިނޭޅި ހަމަލާތައް ދެމުން ގެންދަނީ، ހަތިޔާރު ބަހައްޓައި އަމާން ނުދޭނޭ ކަމަށް ހިޒްބުﷲއިން ތަކުރާރުކޮށް ބުނަމުންދާ ބުނުމުގެ މައްޗަށް ކަމަށް، ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ހިޒްބުﷲގެ ފަރާތުން އަތުވެދާނެ ރައްދު ހަމަލާއަކަށް އިސްރާއީލުގެ އުތުރުގައި ވައިގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ތައްޔާރުވެފައިވާ ކަމަށް އިސްރާއީލުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް