ކުރީގެ ރައީސް ސޯލިހު "ދަ ޗީޒްކޭކް ބާރ" އަށް ޒިޔާރަތްކުރުން-
ކުރީގެ ރައީސް ސޯލިހު "ދަ ޗީޒްކޭކް ބާރ" އަށް ޒިޔާރަތްކުރުން-
ކުދި ވިޔަފާރިތަކާއި ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދި އެސްއެމްއީ ހަބުގައި ހިންގާ ވިޔަފާރިތައް ހުއްޓުވުމަކީ ސަރުކާރުން ކުރި ވަރަށް ދެރަ ކަމެއް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ހަބަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ކުދި ވިޔަފާރިތަކާއި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ހުޅުވި ތަނެކެވެ. މި ތަނުގައި ހިންގަމުންދިޔަ ވިޔަފާރިތައް ހުއްޓާލަން ސަރުކާރުން އެންގީ މިތަން މި ފެށޭ ޑިސެމްބަރު މަހު ބަންދު ކުރުމަށް ސަރުކާރުން ނިންމާފައި ވާތީއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސޯލިހު ވަނީ އެސްއެމްއީ ހަބްގައި ހިންގާ "ޗީޒް ކޭކް ބާ" އިން ދިން ދައުވަތަކަށް އެތަނަށް ވަޑައިގެންނެވިކަން ހާމަކުރައްވައި، އެތަން މާދަމާ ބަންދުކުރަން ޖެހިފައިވާކަން ހާމަކުރައްވާފައެވެ.

"ކުރީ ސަރުކާރުން ކުދި ވިޔަފާރިތަކަށް، ޚާއްސަކޮށް ޒުވާނުންނަށް އަމާޒުކޮށް އުފެއްދި އެސްއެމްއީ ހަބުގައި ހިންގާ ދަ ޗީޒްކޭކް ބާ އަށް ދަޢުވަތު ދިންކަމަށްޓަކައި އެތަން ހިންގާ ދެ ޒުވާނުން ކަމަށްވާ މުޙައްމަދު ފާރިޝް އާއި ހަނާން ފަޙުމީ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެއްވި ކަޅުސައިތައްޓާއި ޗޮކުލެޓް ކޭކު ވަރަށް މީރު. އެކަމަކު މާދަމާ 27 ނޮވެންބަރުގައި އެދެ ޒުވާނުންނަށް މިވަނީ ވިޔަފާރި ބަންދުކޮށް ތަނުން ނިކުންނަން ޖެހިފައި." ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ އެތަން ބަންދުކޮށް އެތަނުން ނިކުންނަން ޖެހިފައި މިވަނީ ސަރުކާރުން އަންގައިގެން ކަމަށެވެ. އަދި އެ ދެ ޒުވާނުން ކުރަމުންދިޔަ އުންމީދުތައް ގެއްލި މިއަދު މާޔޫސްވެފައި ވާކަމަށާއި، މި ހަބުގައި ހިންގި އެހެން ވިޔަފާރިތައްވެސް މިހާރު ވަނީ ބަންދުކޮށްފައި ކަމަށް ސޯލިހު ވަނީ ވިދާޅުވެފައެވެ.

"މިއީ މި ސަރުކާރުން ކުރި ވަރަށް ދެރަކަމެއް،" ސޯލިހުގެ ޕޯސްޓުގައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް