ރައީސް މުޙައްމަދު ނަޝީދު
ރައީސް މުޙައްމަދު ނަޝީދު
ވިލިމާލޭގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލުމަށް ސަރުކާރުން ނިންމުމާއެކު، އެ ގަސް ނުކެނޑުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ވިލިމާލޭގައި ބޮޑު ދެ ނިކަގަސް ހުންނައިރު، އޭގެ ތެރެއިން "ވޯޓާ ސްޕޯޓްސް ބީޗް" ސަރަހައްދުގައި ހުންނަ ގަހުގެ މުލާއި ގޮފިތަކުގެ ސަބަބުން ގޭގެއަށް ދަތިވާ ކަމަށް ބުނެ ރައީސް މުޢިއްޒު ވިލިމާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައްޔިތުން ޝަކުވާކޮށްފައިވެއެވެ. އެހެންކަމުން ގަސް ނަގަން ބޭނުންވާ މީހުން ގިނަ ކަމަށް ފާހަގަ ކުރެއްވުމަށްފަހު އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް މުޢިއްޒު އެރޭ ވިދާޅުވިއެވެ.

އެކަމާގުޅިގެން ރައީސް ނަޝީދު މިއަދު ވަނީ އެ ގަހުގެ ތާރީޚަށް އަލިއަޅުއްވާލައްވައި، 1902 އިން 1934 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި ޝަމްސުއްދީން ރަދުންގެ ދުވަސްވަރުވެސް އެ ގަސް ބިޔަކޮށް ހުރިކަމަށް ވިދާޅުވެފައެވެ. އަދި ވިލިނގިލީ ޖަލު ހުރި ދުވަސްވަރު ސިޔާސީ ކުށްވެރިން މަސައްކަތް ކުރުވުމަށް ފަހު އަރާމުކުރަން ބައިތިއްބަނީ އެ ގަސް ހުރި ސަރަހައްދުގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ސަތޭކަ އަހަރަށް ދާ ތާރީޚެއް! މި ގަސް ކަނޑާ ނުލައްވާ!" ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ވިލިމާލޭ ނިކަގަސް ނުކެނޑުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު، ރައީސް މުޢިއްޒު ވަނީ ގަސް ކެނޑުމަކީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށާއި، ނަމަވެސް އިންސާނީ ދިރިއުޅުމަށް އުނދަގޫވާނަމަ ގަސް ނެގުމަކީ ގަސް އިންދުމާ ދެކޮޅުވުން ނޫން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި އެ އަވަށުގައި މަދުވެގެން 300 ގަސް އިންދުމަށް އެންވަޔަރަމެންޓް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް