އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އިސްރާއީލާއި ޙަމާސްއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނުނީ ހައްޔަރުކުރެވިފައިވާ މީހުން ބަދަލުކުރުމެވެ.

އެގޮތުން އިސްރާއީލުން ވަނީ  ފަލަސްޠީނުގެ ހައްޔަރުކުރެވިފައިވާ އެތައް ހާސް މީހުން ދޫކޮށްލާފައެވެ. އަދި ޙަމާސްއިން ވަނީ ދިރިތިބި އަދި މަރުވެފައިވާ އިސްރާއީލުގެ ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލާފައެވެ. މި ފިޔަވަހީގެ މަޤްޞަދަކީ ހަނގުރާމައިގެ ހާލަތު މަޑުޖައްސާލައި، އިތުރު ފިޔަވަހިތަކަށް މަގުފަހިކުރުމެވެ.

ނަމަވެސް އެއްބަސްވުމަށްފަހު ވެސް ޣައްޒާއަށް ބޭނުންވާ މިންވަރަށް އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އަޅަމުންދާތީ، މިލިއަނަކަށް ވުރެ ގިނަ މީހުން ތިބީ ބަނޑުހައިހޫނުކަމުގައި ކަމަށް އިންސާނީ އެހީގެ ޖަމާޢަތްތަކުން ދަނީ ބުނަމުންނެވެ.

މިކަމުގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރިހަމަ ފައިދާ ޣައްޒާގެ ރައްޔިތުންނަށް ލިބެމުން ނުދާކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

އަދި ހަމައެއާައެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެކުލަވާލިފަހުންވެސް ފަލަސްތީނުގެ 360 އަށް ވުރެ ގިނަ  އާންމުން ޝަހީދުވެފައިވާތީ، އެއްބަސްވުން ކުރިއަށްގެންދިއުމާމެދު ސުވާލު އުފެދިފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ޓްފަމްޕް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހިމެނޭ މައިގަނޑު ކަމަކީ ޙަމާސް ނުހިމެނޭ ގޮތަށް ޣައްޒާގައި އާ ސަރުކާރެއް ޤާއިމުކުރުން ކަމަށެވެ. އަދި މިލިޓަންޓް ގްރޫޕުތަކުން ހަތިޔާރު ބެހެއްޓުމަށް ވެސް މި ފިޔަވަހީގައި ގޮވާލާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް، އިސްރާއީލުގެ އިސްތިޢުމާރު ދެމިއޮތްހާ ހިނދަކު ހަތިޔާރު ބެހެއްޓުމަށް ޙަމާސްއިން ދަނީ ދެކޮޅު ހަދަމުންނެވެ. މިކަމުގެ ސަބަބުން، ދެވަނަ ފިޔަވަހި ފެށުމާއި އެކަން ކާމިޔާބު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު