އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ފަލަސްޠީނުގެ ޣައްޒާގައި އިންތިޤާލީ ގޮތުން ވެރިކަން ހިންގާނެ ސުލްޙައިގެ ބޯޑެއް އެކުލަވައިލާނެ ކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު އެ ބޯޑުގެ މެންބަރުން އިޢުލާނު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެެވެ.

ޓްރަމްޕު މިގޮތަށް ނިންމަވާފައިވަނީ، އޭނާ މެދުވެރިވެގެން މިހާރު ޢަމަލު ކުރަމުންދާ ސުލްޙައިގެ އެއްބަސްވުމުގެ ދަށުންނެވެ.

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޢަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ވަގުތީ ގޮތުން މެދުކަނޑައިލަން ވަނީ އެއްބަސްވެފައެވެ.

އެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ކޮމިޓީއެއް އެކުލަވާލެވޭނެއެވެ. އަދި، ޓްރަމްޕް އިސްވެ އުފައްދަވާ ސުލްޙައިގެ ބޯޑަކީ، އެ ކޮމިޓީގެ މައްޗަށް ބަސްބުނާނެ ބޯޑެކެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ޚުދު އޭނާ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ އޭނާ އިސްވެ އެކުލަވައިލެއްވުމަށް ނިންމަވާފައިވާ ބޯޑުގައި ބައިވެރިވެ ވަޑައިގަތުމުގެ ޝައުގުވެރިކަން ގިނަ ޤައުމުތަކެއްގެ ރައީސުންނާއި، ރަސްކަލުންގެ އިތުރުން ބޮޑުވަޒީރުން ފާޅު ކުރައްވާފައިވާ ކަމަށެވެ.

ޣައްޒާގައި ވެރިކަން ހިންގާނެ ވަކި ބޯޑެއް އެކުލަވައިލުމަށް އދގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، ޣައްޒާގައި އަމަން ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ފައުޖެއް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް އެމެރިކާއިން އިސްވެ، ބައެއް ޤައުމުތަކާ ގުޅިގެން މަޝްވަރާ ކުރަމުންދާ ކަމަށްވެއެވެ.

ޓްރަމްޕްގެ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ވެރިކަން ހިންގުމުގައި ބައިވެރިވުމުގެ އެއްވެސް ފުރުޞަތެއް ޙަމާސަކަށް ނޯންނާނެއެވެ. އަދި، ޙަމާސް ޖަމާޢަތުން ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށްވެސް އެއްބަސްވުމުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު